ހދ. ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ލޯކަލް ގަވަރުމަންޓް މިނިސްޓްރީގައި އެދިއްޖެއެވެ.

ލޯކަލް ގަވަރުމަންޓް މިނިސްޓްރީ އާއި އެކު މިއަދު ހިރިމަރަދޫ ކައުންސިލުން ބޭއްވި ބައްދަލުވުމަށް ފަހު، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް ރައްޔިތުން ނިންމާފައިވާކަމަށް މިއަދުގެ ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވިދާޅުވި ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ އެ ރަށު ރައްޔިތުން ބަދަލުވާން ބޭނުންވަނީ ތުލުސްދޫއަށް ކަން އެ ރަށު ރައްޔިތުން ހާމަކޮށްފައިވާ ކަމަށެވެ.

ހިރިމަރަދޫ ކައުންސިލުން ބުނީ އެ ރަށުގެ ރައްޔިތުން ބޭނުންވަނީ މާލެ ސަރަހައްދުގެ ރަށަކަށް ހިޖުރަކުރަން ކަމަށާއި ތުލުސްދޫ ހިޔާރުކޮށްފައިވަނީ އެ ރަށަށް ހިޖުރަކުރެވޭ ވަރަށް ބިން އޮތުމުން ކަމަށެވެ. މީގެ އިތުރުން އެ ރަށު ކައުންސިލުން ބުނީ ރައްޔިތުންގެ ފަރާތުން މިކަން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުން އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތުލުސްދުއަށް ހިޖުރަކުރެވޭނޭކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވާފައިވާ ކަމަށެވެ.

ހިރިމަރަދޫގެ އާބާދީގައި 589 މީހުން ރަޖިސްޓްރީވެފައިވާއިރު، އެ ރަށުގެ ގިނަ މީހުން ދިރިއުޅެމުން ދަނީ ރަށުން ބޭރުގައެވެ.