ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް، ކުރިން ވެސް އެ މަގާމު ފުރުއްވި ސުލްތާނާ ޝާކިރު އައްޔަން ކޮށްފިއެވެ.

އެކަން ބަންޑާރަނައިބުގެ އޮފީހުން ހާމަކުރީ ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައެވެ.

ސުލްތާނާ ވަނީ 2012 އިން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އެ މަގާމު މީގެ ކުރިން ވެސް ފުރުއްވައިފައެވެ.

އޭގެ ފަހުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ހިއުމަން ރިސޯސް މެނޭޖަރުގެ މަގާމު ފުރުއްވުމަށް ފަހު، ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ. އޭގެ ކުރިން ސުލްތާނާ ވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި، ފިނޭންސް އެގްޒެކެޓިވް ކަމާއި އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ.

އޭނާ ވަނީ 2004 ވަނަ އަހަރު ނިއުޒީލެންޑުން އިޖުތިމާއީ ސައިންސްގެ ރޮނގުން ބެޗެލާސް ހާސިލްކުރައްވައި، 2009 ވަނަ އަހަރު މެލޭޝިއާ އިން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިފައެވެ.