މަަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ހަދައިގެން އުޅަނދުފަހަރު ބަލައި ފާސްކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މީގެ އިތުރުން މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކަން ޔަގީން ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މަގުމަތީގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރަން ފުލުހުން ނިކުމެފައި މިވަނީ، ބާރު ސްޕީޑްގައި ދުއްވި ކާރެއްގައި ޖެހި، އުމުރުން 23 އަހަރުގެ ހަސަން ސަމާހު ނިޔާވި ހާދިސާ އާ ގުޅިގެން ބާރު ސްޕީޑުގައި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފައި ވަނިކޮށެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި މީހުންނަށް ބޮޑެތި އަނިޔާވެ މަރުވެފައިވާ އިރު، މިދިޔަ ޖުލައި މަހުގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް، އެއްފަރާތެއްގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ޖެހިފައެވެ. މި އެކްސިޑެންޓްގައި އެ ސައިކަލުގައި އިން މީހާއަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

އެކްސިޑެންޓްތައް އިތުރުވާ މައްސަލައާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކުރަން އަންގާފައި ވަނިކޮށް، ރޭ ވެސް މާލޭގައި ވަނީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެ އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

ދާދިފަހުން ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކުންވެސް އެކްސިޑެންޓުތައް ހިނގަމުންދާ މިންވަރު އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 1907 އެކްސިޑެންޓު ހިނގާފައިވާ ކަމަށާއި ނިމިދިޔަ އޮގަސްޓު މަހު އެކަނިވެސް ވަނީ 204 އެކްސިޑެންޓު ހިނގާފައެވެ.