ސައިކަލުގައި ބްރިޖާއި ހައިވޭ ހުރަސްކޮށް މާގަސްތަކެއް އުފުލި މީހަކަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައި ހައިވޭ ހުރަސްކޮށް މާގަސްތަކެއް އުފުލި މީހާ އާމެދު މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ސައިކަލުގެ ކުރިއަށް އަދި ފަހަތަށް ބައިވަރު މާގަސްތަކެއް އަރުވައިގެން ބްރިޖާއި ހައިވޭގައި ދުއްވާފައި މީހަކު ދިޔަ ވީޑިއޯއެއް ރޭ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން އަމިއްލަ މީހާއަށާއި އެހެން މީހުންނަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރަމުން ފުލުހުން ވަނީ މިފަދަ ކަންކަން ނުކުރުމަށް އެދިފައެވެ.

ހެދިފައިވާ ގަވައިދުތަކަށް ބޯނުލެނބުމުގެ ސަބަބުންނާއި އިހުމާލުވުމުގެ ސަބަބުން މި ފަހުން ވަނީ ހިތާމަވެރި ހާދިސާތަކެއް ހިނގާފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ރޭސްކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި 23 އަހަރުގެ ޕްރިޒަން އޮފިސަރެއް ވަނީ މަރުވެފައެވެ. މީގެއިތުރުން މިދިޔަ ބުދަ ދުވަހު ދަރުބާރުގެ ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިއަސް ވި 21 އަހަރުގެ ޒުވާނަކު ވެސް ވަނީ މަރުވެފައެވެ. މީގެއިތުރުން އިއްޔެވެސް ވަނީ ހުޅުމާލޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފައެވެ.