ފާއިތުވެ ދިިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި އާންމުންގެ ގިނަ ބައެއް ސަމާލުކަން ހުއްޓިފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ޕޯސްޓަރަކަށެވެ. ރަތް ކުލައިގެ ގަނޑެއްގައި ހުދުކުލައިން "ލިބޭ" ޖަހާފައިވާ މި ޕޯސްޓަރުގެ ސިއްރަކީ ކޮބައިތޯ ބަލާލުމަށް ގިނަ ބަޔަކު ތިބީ ބޭނުންވެފައެވެ.

އުރީދޫއިން މިއަދު ވަނީ މި ޕޯސްޓަރުގެ ހަގީގަތް ހާމަކޮށްފައެވެ. އުރީދޫއިން ސޯޝަލްމީޑިއާގައި އާންމުކުރި ވީޑިއޯއިން އެނގޭގޮތުގައި ރާއްޖޭގެ 60 ޕަސެންޓަށް މިހާރު އުރީދޫގެ 5ޖީ ލިބޭނެއެވެ.

5ޖީ ގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަން އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ރާއްޖޭގެ 60 ޕަސެންޓަށް 5ޖީ ލިބިގެންދާއިރު، މި މަސައްކަތުގެ ފޭސް ތިނެއްގައި 100 ޕަސެންޓު ކަވަރޭޖު ހާސިލްކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އިން ވަނީ ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއްގެ އެކްސްޕީރިއަންސެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.