ގާނޫނު މުގުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރުސަތު ނުދެއްވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމަށް މިއަދު ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ގައުމީ އެޖެންޑާގެ އެންމެ ބޮޑު އެއް އަމާޒަކީ ޑްރަގްގެ ވަބާއިން ގައުމު ސަލާމަތް ކުރުން ކަމަށެވެ. އަދި ގާނޫނު މުގުރުމަށް އެއްވެސް ފުރުސަތެއް ނުދިނުމާއި، ރާއްޖޭގައި އަމާންކަމާއި މަސަލަސްކަން ޔަގީން ކޮށްދެއްވުމާއި އަދި ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފް ކޮށްދެއްވުމަކީ ވެސް އެމަނިކުފާނުފެ އަމާޒެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކައިގައި ވަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާފައެވެެ. އެގޮތުން ދިވެހިރާއްޖޭގެ ސަރަހައްދުތައް ބެލެހެއްޓުމަށް އެންމެ ޒަމާނީ އުޅަނދުތައް ގެނައުމާއި ރާއްޖޭގެ އެއްގަމާއި ކަނޑާއި ވައި، އަދި ކަނޑުއަޑީގެ ޗާޓު ކުރަހާނީ ވެސް ދިވެހިން ކަމުގައި ރައީސް ނިންމަވާފައި ވާކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ދިވެހިންގެ ވިޔަފާރިތަކުގެ ތެރެއަަށް ގަވާއިދާ ހިލާފަށް ވަދެއުޅުނު އެތައް ބައިވަރު ބިދޭސީންތަކެއް (3000އަށް ވުރެ ގިނަ) އަލުން ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލާފައި ވާކަން ވެސް ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ ވެއްޓިފައި މި އޮތް އިގްތިސޯދީ ވަޅުގަނޑުން ނަންގަވާ ސަލާމަތުގެ އައްސޭރިއަށް ގެނައުމަށް ރެޔާއި ދުވާލު ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހިތްޕުޅުގައި މި ގައުމާ ރައްޔިތުންނާމެދު އޮތް ގަދަފަދަ ލޯތްބަށް ހެކިވަޑައިގަންނަވާ ކަމަށެވެ.