މާލެ، މެރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑަށް ގެންގޮސް އުކާތަން ފެންމަ ވެހިކަލުތަކަކީ ގަވައިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތައްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވެހިކަލްތައް އުކާ މަންޒަރު ފެންނަ ވީޑިއޯ އަކާ އެކު ސޯޝަލް މީޑިއާގައި މީހަކު ވަނީ ވާނުވާ ނޭނގި ފުލުހުންގެ އަމަލުތައް ހުރި ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ގޮތުން އެ ފަރާތުން ވަނީ މީހުންގެ އަގު ބޮޑު ވެހިކަލްތަކާ މެދު އަމަލުކުރާ ގޮތުން ލިބޭ ގެއްލުމަށް ޒިންމާވާނީ ކޮން ބައެއްތޯ އަހާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ވީޑިއޯގައި ފުލުހުން ސައިކަލެއް ބިންމައްޗަށް އެއްލާލައި މަންޒަރު ފެނިގެން ދާއިރު، މި ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަން ބޮޑުވުން ފާޅުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ މި ވީޑިއޯ އާ ގުޅިގެން ފުލުހުން ބުނީ އެ ވީޑިއޯގައި ފެންނަނީ މި މަހުގެ 6 ވަނަ ދުވަހު، ގަވައިދުގެ ތެރެއިން ނައްތާލުމަށް ވެހިކަލްތަކެއް ގެންދާ މަންޒަރުކަމަށެވެ. ފުލުހުން ނައްތާލާފައިވާ ވެހިކަލްތަކުގެ ތަފްސީލުވެސް ވަނީ ހާމަަކޮށްފައެވެ. އެ ގޮތުން ދެ ފުރޮޅުލީ 247 ވެހިކަލް، ހަތަރު ފޮރޮޅުލީ 29 ވެހިކަލް އަދި 223 ބައިސިކަލްގެ އިތުރުން އެމްބިއުލާންސެއް ނައްތާލާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.