ރޭ މެންދަމު ހިނގި ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހުޅުމާލޭގައި ޑްރިފްޓްކުރުމަށާއި ރޭސްކުރުމަށް ވަކި ސަރަހައްދެއް ދީފައިވާ ހުއްދަ ބާތިލްކުރުން ހިމެނޭހެން އަށް ފިޔަވަޅެއް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

މި ހާދިސާގައި، އުމުރުން 23 އަހަރުގެ ހަސަން ސަމާހަށް ހާނިއްކަވުމުގެ ސަބަބުން އިތުރު ފަރުވާ އަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.

މި ހާދިސާ އާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މެންދުރުފަހު ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވަނީ މިރޭ 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި އެ ފިޔަވަޅުތައް ތަފްސީލު ކޮށްދެއްވައި ފައެވެ. އެ ފިޔަވަޅުތަކަކީ:-

  • ބާރު ސްޕީޑުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން
  • ޑްރިފްޓްކުރުމަށާއި ރޭސް ޖެހުމަށް ހުޅުމާލެއިން މިދިޔަ އޮކްޓޯބަރު މަހު ކަނޑައެޅި ސަރަހައްދުގެ ހުއްދަ ވަގުތުން ބާތިލުކުރުން
  • ސްޕީޑު ލިމިޓަށް ވުރެ ބާރަށް ދުއްވާ އުޅަނދުފަހަރު ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން
  • ވަކި ސީސީ އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން
  • އެއްގަމު އުޅަނދުފަހަރުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން
  • ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީ އަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތްތައް އަވަސްކޮށް، ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ކެމެރާ ހަރުކުރުން
  • ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކޮށް ގަވައިދާ ހިލާފަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން

މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ހަރުދަނާކުރުންމި ފިޔަވަޅުތައް ތަންފީޒީ އިދާރާތަކާ ގުޅިގެން އަޅުއްވާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓުތަކުގައި ވިދާޅުވެފައެވެ.

ރޭ މެންދަމު ހިނގި އެކްސިޑެންޓާ ގުޅިގެން 26 އަހަރުގެ މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.