އުމުރުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައި ހުންނަ ފިޔަވަތީގައި ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު މިކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނީ މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.

މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާ ގުޅޭ 589 މައްސަލައެއް، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 119 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް، މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ ހިދުމަތަށް މި އަހަރުގެ މިހާތަނަށް ޖިންސީ ގޯނާ އާ ގުޅުންހުރި 233 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިިންސީ ގޯނާކޮށްފައިވެއެވެ. އެ މައްސަލައާ ގުޅިގެން 61 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ.