ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި އާސަހަރާ މިސްކިތް މަރާމާތަށް ބަންދުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، އެ މިސްކިތުގެ ތިރީބައި އާންމުކޮށް މިއަދު ހުޅުވާލައިފިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް 'ދަ ޕްރެސް' އަށް ވިދާޅުވީ، އާސަހަރާ މިސްކިތް މަރާމާތަށް ފަހު ހުޅުވޭއިރު ހުންނާނީ އެއްކޮށް އެއާ ކޮންޑިޝަން ކުރެވިފައި ކަމަށެވެ

"އަސްލު ހުޅުވޭއިރުގަ ހުންނާނީ އަންހެނުން ނަމާދުކުރާ ބަޔާއި، އަންހެނުންނަށް ވަކިން ފާހާނާ ބަރި އާއި ނުކުޅެދޭ މީހުންނަށް ބޭނުންވާ ފާހާނާ އާއި، ދެން މަތި އެއްކޮށް ހުޅުވިގެން ދާއިރުގަ ހުންނާނެ ގެސްޓުން މަޑުކުރާނެ ތަނާ އެއްޗެހި،" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމާއަތްތެރިންނާއި އަންހެނުންނާއި ފިރިހެނުން ތިބެން ވަކި ތަނެއް ހެދިފައި ހުންނާނެ ކަމަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި ބަލިމީހުން މަޑުކުރާނެ ސަރަހައްދެއް ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކަށުކަމާކެމީގެ ކަންކަމަށް ވެސް ޖާގައެއް އިތުރުކޮށްފައިވާނެ ކަމަށާއި، މިސްކިތް އަލުން ހުޅުވޭއިރު، މިސްކިތުގެ ޖާގަ ގާތްގަނޑަކަށް ތިން ގުނައަށް ބޮޑުވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ލާސްޓްލީކޮށް ސެޕްޓެމްބަރުގަ މުޅި މިސްކިތް ހުޅުވާނަން،" އޭނާ ވިދާޅުވިއެވެ.

އާސަހަރާ މިސްކިތް މަރާމާތުކޮށް ބޮޑެތި ބަދަލުތައް ގެނައުމަށްޓަކައި އެންމެ ފުރަތަމަ ބަންދުކުރީ މިދިޔަ އަހަރުގެ މޭ މަހުގެ 27 ވަނަ ދުވަހު ދެ މަހުގެ މުއްދަތަކަށެވެ. ނަމަވެސް ދެ ފަހަރެއްގެ މަތިން މަސައްކަތް ނިންމާ ތާރީހު ބަދަލުކޮށް އޮގަސްޓް މަހު ހުޅުވުމަށް ވެސް ކައުންސިލުން މަސައްކަތްކުރިއެވެ. އާޒިމް އޭރު ވިދާޅުވި ގޮތުގައި އާސަހަރާ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމަން ދަތިވީ އިމާރާތުގެ ކުރެހުން އެއްކޮށް ނުނިމި މަސައްކަތް ފެށިގެން ދިއުމުންނެވެ.