ރޭ މެންދަމުގެ ވަގުތެއްގައި ބާރު ސްޕީޑްގައި ދުއްވި ކާރަކުން ޖެހި ހުޅުމާލޭގައި ޒުވާނަކު މަރުވި މައްސަލައިގައި އެ ކާރު ދުއްވަން އިން ޒުވާނާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ރޭ 2:48 ހާއިރު ހިނގި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރު ކޮށްފައެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ހިނގި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީ، ވައެލެޓް ފެހި، ސ. ހިތަދޫއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 23 އަހަރުގެ، ޕްރިޒަންސް ލާންސްކޯޕްރަލް އަހްމަދު ސަމާހުއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޒުވާނެއްގެ ގައިގައި މީގެ ކުރިން ޖެހުނު ހާދިސާއެއްގެ ތަހުގީގު މިހާރުވެސް ހިނގަމުން އެބަދެއެވެ. އެ ހާދިސާގައި ހިމެނޭ 3 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.