މާލޭގެ އާސަހަރާ މިސްކިތުގެ ތިރީބައިގެ މަސައްކަތްތައް ނިންމާލައި މާދަމާ ހުޅުވުމަށް ވަމުންދާ ތައްޔާރީތައް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

އެގޮތުން އެ މިސްކިތުގެ ތިރީބައިގެ ފިނިޝިން މަސައްކަތްތައް ނިންމާ، މިހާރު އަންނަނީ މިސްކިތުގައި ކާޕެޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މާލެ ސިޓީ ކައުންސިލުން ބުނާ ގޮތުގައި އެ ބައި ހުޅުވުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ހުކުރު ނަމާދުގެ ވަގުތަށް ކަމަށެވެ.

މާލޭގެ އާސަހަރާ މިސްކިތުގެ މަސައްކަތް ނިމޭއިރު އިތުރު 3،200 އަކަފޫޓު މިސްކިތަށް އިތުރު ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފައެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ ކުންފުންޏާއެވެ. ނަމަވެސް ޕީއެންޕީން މަސައްކަތް ކުރިއަށް ނުގެންދިއުމުން، އެ ކުންފުންޏާ އެކު ހެދި 4.9 މިލިއަން ރުފިޔާގެ އެއްބަސްވުން އުވާލައި، ކައުންސިލުން ވަނީ 3.6 މިލިއަން ރުފިޔާ ދައްކާފައެވެ. އޭގެ ފަހުން ކައުންސިލުން އާސަހަރާގެ މަސައްކަތް އިތުރު ދެ ކުންފުންޏަކާ ހަވާލުކުރިއެވެ.

އެއީ ބީސިކްސް ކޮންސްޓްރަކްޝަން އަށް އެ އިމާރާތުގެ ފަރުމާގެ މަސައްކަތް ކުރުމަށް ވަނީ 4.6 މިލިއަން ރުފިޔާއަށް ދީފައެވެ. އެއަށްފަހު ފިނިޝިން މަސައްކަތް ނިންމުމަށް ހައިމާން ކޮންސްޓްރަކްޝަން އަށް ވަނީ 2.7 މިލިއަން ރުފިޔާއަށް މަސައްކަތް ހަވާލުކޮށްފައެވެ.

އާސަހަރާ މިސްކިތް ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވި ހުޅުވިގެންދާއިރު ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކުގެ ތެރޭގައި ހިނަވާ އަށްޓެއް އިތުރުކުރުމާއި، އަންހެނުން ނަމާދުކޮށް ވުޟޫކުރަން ވަކި ތަނަކާއި ފާހާނާއެއް ތަރައްގީ ކުރުމާއި، ޒަމާނީ ފާހާނާތަކެއްގެ ތަރައްގީ ކުރުމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެވޭ ގޮތަށް މިސްކިތަށް ބަދަލު ގެނައުމާއި، ޖަނާޒާތަކަށް އަންނަ މީހުން މަޑުކުރުމަށް ހާއްސަ ސަރަހައްދެއް ހެދުން ހިމެނެއެވެ.