ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ސާމާނުތަކަކާއެކު ދެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 16:05 އެހާއިރު މާލޭގެ ގެއެއްގެ ތެރޭ ހުރި މީހެއް އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލައިގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މީހުންގެ ވަނަވަރުވެސް ފުލުހުން އާންމުކޮށްފައިވާއިރު ހައްޔަރުކޮށްފައި ވަނީ އިސްމާއިލް ވިޝާލް، މ. ދާރުލްގަރާރު (30އ) އަދި ހުސެއިން ޝާއިފް، ވިދުވަރު ބ. ދަރަވަންދޫ (32އ) އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މާލޭގައި މިހާރަަކަށް އައިސް ވައްކަމާއި ފޭރުން ދަނީ އާންމު ވަމުންނެވެ. އެގޮތުން މިސްކިތްކާއި އާންމު ގެތަކުގެ އިތުރުން މަގުމަތިން ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް ވަގުންގެ އުނދަގޫތަކާ ވަނީ ކުރިމަތިލަން ޖެހިފައެވެ.