މި އަހަރުގެ މިހާތަނަށް 1،367،825 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށާއި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1.37 މިލިއަން ފަތުރުވެރިން އައިސްފައެވެ. މިޔަ އަހަރު މި މުއްދަތާ ހަމައަށް ރާއްޖެއަށް އައިސްފައި ވާ ފަތުރުވެރިންގެ އަދަދަކީ 1.24 މިލިއަން ކަމަށްވާ އިރު، 2022 ވަނަ އަހަރު މި މުއްދަތުގައި ވަނީ 1.09 މިލިއަން ފަތުރުވެރިން އައިސްފައެވެ.

މި މަހުގެ ފުރަތަމަ ދެ ދުވަހު ޖުމްލަ 8617 ފަތުރުވެރިން އައިސްފައިވާ އިރު، މިދިޔަ މަހު ވަނީ 176،151 ފަތުރުވެރިން އައިސްފައެވެ. މުޅި އަހަރަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އަހަރުގެ ފުރަތަމަ ދެ މަހުއެވެ. އެގޮތުން ޖެނުއަރީ މަހު 192،385 ފަތުރުވެރިން އައިސްފައިވާ އިރު، ފެބްރުއަރީ މަހު ވަނީ 217،392 ފަތުރުވެރިން އައިސްފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 62،756 އެނދު ހުރިއިރު އޭގެތެރޭގައި 182 ރިސޯޓުގައި ހުރި 44،329 އެނދު، 895 ހޮޓާ އަދި ގެސްޓްހައުސްގައި 16،801 އެނދު އަދި 153 ސަފާރީ އުޅަނދުފަހަރުގައި ހުރި 2990 އެނދު ހިމެނެއެވެ.

މިއަހަރުތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ރިކޯޑު މުގުރާލާފައި ވަނީ، 10،213 ފަތުރުވެރިން ރާއްޖެއަށް އައި ފެބްރުއަރީ 10 ވަނަ ދުވަހެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައި ވަނީ ޗައިނާއިންނެވެ. އެގައުމުން 199،316 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ ދެވަނައިގައި އޮތީ 147،755 ފަތުރުވެރިންނާއެކު ރަޝިއާއެވެ. އަދި ޔޫކޭ ވަނީ 117،855 ފަތުރުވެރިންނާ އެކު އެ ލިސްޓުގެ ތިން ވަނައިގައެވެ. މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާ އޮތީ 81،891 ފަތުރުވެރިންނާއެކު މި ލިސްޓްުގެ ފަސް ވަނައިގައެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ ލިސްޓުގެ އެއްވަނައިގައި ޗައިނާ އޮތް އިރު، ޓޫރިޒަމް މިނިސްޓްރީން އަންނަނީ ޗައިނާ މާކެޓްގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. ކޮވިޑަށް ފަހު ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަންނަން ފެށީ ފަހުން ޗައިނާ ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، މި އަހަރުތެރޭ ޗައިނާ މާކެޓް މި ވަނީ ލިސްޓްގެ އެއްވަނަގައި ހިފަހައްޓާފައެވެ.