ގައުމިއްޔަތުގެ ދިރާސާތައް ކުރުމަށް ސަރުކާރުން އުފައްދަން ނިންމި ހާއްސަ ކޮލެޖު "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވަނީ މި ކޮލެޖާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ. މި ޕްރެޒެންޓޭޝަންގައި، މި ކޮލެޖަކީ ރައީސް މުއިއްޒު އެކުލަވާލައްވާފައިވާ ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގެ އެންމެ މުހިންމު އެއް ގުނަވަންކަން ވަނީ ފާހަގަކޮށްފައެވެ.

މި ކޮލެޖު މަސައްކަތް މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށް ބަހާލާފައި ވާއިރު އެ ދާއިރާތަކަކީ، ދިވެހި ބަސްގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ. މިއަދު ރައީސް ވަނީ، މިއިން ކޮންމެ ދާއިރާއަކަށް އިސް ބޭފުޅުން އައްޔަން ކުރައްވާފައެވެ.

- ދިވެހި ބަހުގެ އިސްވާރު - މަރިޔަމް ތައުފީގާ، މ. ޑްރީމީ ލައިޓް

- ދިވެހި ތާރީހުގެ އިސްވާރު - ކަށިމާ އަހްމަދު ޝާކިރު، މއ. ކަށިމާ

- ދިވެހި ތަރިކައިގެ އިސްވާރު - ހަސަން ޒަރީރު، ލޮނުފެން، ސ. މަރަދޫ

- ދިވެހި ސުމޭކުގެ އިސްވާރު - މުހައްމަދު އަބްދުލްގާދިރު، ގ. ގޯޅިތޭރެގެ

- ދިވެހި ފަންނުގެ އިސްވާރު - މަރިޔަމް އިޝާ އަޒީޒް، ހ. ހާދި

ދިވެހި ގައުމިއްޔަތުގެ އިސްވަރު އުފެއްދީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުންނެވެ.