ފަހުގެ ތާރީޙެއްގައި ދިވެހި ފިލްމަކަށް މީގެ ކުރިން ލިބިފައިވާނުވާފަދަ ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ދިވެހި ފިލްމު "ކަމަނާ" އަނެއްކާވެސް އާ ރެކޯޑެއް ހަދައިފިއެވެ.

މިދިޔަ މަހު 27 ވަނަ ދުވަހު 16 ޝޯގެ ހައުސްފުލްގެ ރެކޯޑާއެކު ފިލްމު ޕްރިމިއާކުރިއިރު އާންމުންގެ ތަރުހީބު ބޮޑުކަމުން ވަނީ މި ފިލްމުގެ ދެ ޝޯ އަޅުވާގޮތަށް ނިންމާފައެވެ. އެއީ ރޭގަނޑު 20:30 ގެ ޝޯއަކާއި 23:30 ގެ ޝޯއެކެވެ. ޖުމްލަ 27 ޝޯ އާއެކު މި ފިލްމުގެ ޝޯތަކުގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވާއިރު މި ފިލްމަކީ ފަހުގެ ތާރީހެއްގައި ބެލުނު އެންމެ ރީތި ދިވެހި ފިލްމު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ބުނީ އޮލިމްޕަސް ލިބުނީ 27 އޮގަސްޓް އިން 14 ސެޕްޓެމްބަރަށް ކަމަށާއި އެ ހުރިހާ ދުވަހެއްގެ ޝޯ ގެ ޓިކެޓްވެސް މިހާރު އެއްކޮށް ވިކި ހުސްވެފައިވާ ކަމަށެވެ.

ސެޓާން ސްޓޫޑިއޯ އިން ބުނީ ފިލްމުގެ ޝޯތަކުގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވީ ނަމަވެސް ގިނަ ބައެއް އަދިވެސް ފިލްމުގެ ޓިކެޓް ހޯދަން ގުޅާ ކަމަށެވެ. ބެލުންތެރިންނަށް ފިލްމު ބެލޭނެ އިތުރު އެހެންގޮތެއް ހޯދައިދެވޭތޯ ސްޓޫޑިއޯ އިން ހުއްޓުމެއް ނެތި މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެ ސްޓޫޑިއޯ އިން ވަނީ ބުނެފައެވެ.

ދިވެހި ފިލްމު ކަމަނާ އަކީ ދިވެހިރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާ ދެކޮޅަށް މުޖުތަމައު ހޭލުންތެރި ކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމައަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރެވެ.

ހއ. މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކު އާއި ދަރާ މުހައްމަދު ރަޝީދު ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ. "ކަމަނާ" ފިލްމު ތާރީހުގައި ރަންއަކުރުން ލިޔެވިއްޖެއެވެ.