ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން މިއަދު ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ.

އެ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް ރާވާ، ބަހައްޓާ، 10 ހާސް ޓަނުގެ މި ތާނގީއަކީ، މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީއެވެ. މި ތާނގީގެ މަސައްކަތްތައް ނިމުމާއިއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،000 ޓަނަށް އިތުރުވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މި މަަަސައްކަތް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާއިރު، މި މަޝްރޫއަށް 34.7 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ އެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީއި، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފައެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް، މި ކުންފުނިން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކައުކުރާ އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިއީ މާލެ ސަރަހައްދުގައި ފެން އުފެއްދުމާއި، ރައްކައުކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމްޑަބްލިޔުއެސްސީން ފަށައިފައިވާ މުހިންމު މަސައްކަތްތަކެކެވެ.