ދައުލަތުގެ ވިޔަފާރިކުރާ ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފިއެވެ.
އެ ބޯޑުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، މި ދަނޑިވަޅުގައި ސަރުކާރުން ހަރަދު ހަމަ މަގަށް އެޅުއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށް ޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދު ވީހާވެސް ކުޑަކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.
ހަރަދު ކުޑަކުރަން އަޅާފައިވާ ބައެއް ފިޔަވަޅުތަކަކީ:
- ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުން
- ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށް ވުރެ ދިގުނުވާނަމަ ފަސްޓް ކްލާހުގައި ދަތުރުނުކުރުން
- ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން
- ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
- އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގއި ކެއުމާއި ހުރުމުގެ ހަރަދު އެންމެ ކުޑަވާނެ ގޮތަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން
- ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުން ހިމެނެއެވެ.
އަދި ހަމައެހެންމެ ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގނޑުގައި ހިމެނޭ މަގާމެއް ކަމުގައިވީ ނަމަވެސް ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަގާމުތަަކަށް ނެނެގުމާއި ޕީސީބިގެ ހުއްދައާއިއެކު މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން ހިމެނެއެވެ.
މީގެ އިތުރުން ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށްވެސް ވަނީ އަންގާފައެވެ.
އަދި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައި އިނާޔަތް ދިނުން ހުއްޓާލުމާއި ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުން ކުރުމާއި ރާއްޖޭގެ ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމާއި ކޮންމެހެން މި ވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތަކަށް އައުޓްސޯސްކޮށްގެން ނުކުރުން ހިމެނެއެވެ.
ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަށް ބަލައި މުވައްޒަފުން އިތުރުވާނަމަ އަދި އައިޑަލްޓައިމް ގިނަނަމަ އެ ފަދަ މުވައްޒަފުން ކުންފުނި ކޮންމެހެން ފަށަންޖެހޭ ޕްރޮޖެކްޓަރަކާއި ކުރިއަށް ޕްރޮޖެކްޓަކުގައި ބޭނުންކުރުން ހިމެނެއެވެ.
އޭގެ އިތުރުން ކުންފުނިތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށް ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ކަރުދާހާއި ސްޓޭޝަނަރީސްއަށް ކުރާ ހަރަދުކުޑަކޮށް މުއާމަލާތްތައް ޑިޖިޓަލްކޮށްކުރުމަށާއި އިވެންޓްތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަަކަށް ވަސީލަތްތައް ހިއްސާކުރުމަށް ވެސް ސާކިއުލާގައިވެއެވެ.
އަދި އިވެންޓަކުގެ ރިފްރެޝްމަންޓްތަަކަށް ކުރާ ހަރަދު ވިހާވެސް ކުޑަކުރުމާއި ކުންފުނީގެ އެނައުލް ޕްރޮކުއުމަންޓް ޕްލޭނާއި ބަޖެޓާއި އެއްގޮތަށް ޕްރޮކިއުމަންޓްތައް ހިންގުމަށް ވެސް އަންގާފައިވެއެވެ. ސާކިއުލާގައިވަނީ ކޮންސިއުމަބަލް ގަތުމުގައި ކޮންމެހެން ބޭނުންވާ ވަރަށް ގަތުމާއި ސީއެސްއާރު އަދި ސޮޕްންސާޝިޕަށް ކުރާ ހަރަދުތައް މަދުކުރުމަށް ވެސް ވަނީ އަންގާފައެވެ.