މިއަދު މަސްވެރިންނަށް 7 މިލިއަން ރުފިޔާ ދޫކުރާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯ އިން ބުނީ އޯގަސްޓް 9 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް 445 ޓަނަށްވާ ޖުމްލަ 7،029،418 ރުފިޔާ މިއަދު އޮޑިވެރިންނަށް ޖަމާކުރާނެކަމަށެވެ. އަދި މިއަދު މަސްވެރިންނަށް ފައިސާ ދިނުމުން ދެން ނުދެވި ބާކީ ހުންނާނީ އޯގަސްޓް 24 ވަނަ ދުވަހުގެ ފަހުން މަސްވެރިން ކިރާފައިވާ މަހުގެ ފައިސާކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

މިއަހަރު ޖޫން 27، ގެ ނިޔަލަށް މިފްކޯއިން މަސްވެރިންނަށް ނުދެވި ހުރި 53 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް މީގެ ކުރިން ފިޝަރީސް މިނިސްޓަރު ވިދާޅުވީ އެކަން އެ ގޮތަށް ނުކުރެވެނީ އިގުތިސާދީ ދަތިތަކުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން އިއްޔެ މިފްކޯ އިން ވަނީ އެ ކުންފުނިން 16 ރުފިޔާ އަށް މަސް ކިރަމުން ދަނީ ގެއްލުމުގައި ކަމަށާއި އެކަމަކީ ސަރުކާރުގެ ސަބްސިޑީ އާ ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.