މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސާ ރަހީނުކުރި އަހުމަދު އަތުހަރު ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ޖަލު ކެމެރާ މޮނިޓާ ކުރަމުން ދިޔަ ވަގުތު ޖަލުގެ ކެމެރާއިން ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނު ކުރި އަތުހަރު ދަންޖެހެން މަސައްކަތް ކޮށްފައި ވަނީ މައްސަލަ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބަންދުކޮށްފައި ވަނިކޮށެވެ.

އަތުހަރު ދަންޖެހުނު މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލް މިއަދު ފުލުހުން ވަނީ ދީފައެވެ. ފުލުހުން ބުނީ އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ރޭ 7:02 ގައި ކަމަށެވެ.

އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއެކު ފުލުހުން ވަނީ ވަގުތުން އަތުހަރު ހުރި ޖަލު ގޮޅި ހުޅުވާ އޭނާ ތިރީގައި ބާއްވާފައެވެ. އަދި އޭގެ 3 މިނެޓު ފަހުން ސްޓްރެޗާއަކަށް ލައިގެން އޭނާ ގޮޅިން ނެރެ ދޫނިދޫ ކުލިނިކަށް ގެންގޮސް، ޑޮކްޓަރު އޭނާގެ ހާލު ބަލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

7:14 ގައި އެމެޖެންސީގައި ލޯންޗުގައި އަތުހަރު މާލެ ގެނެސްފައިވާ ކަމަށާއި 7:17 ގައި އޭނާ އައިޖީއެމްއެޗްއަށް ގެންދިއުމަށް އެމްބިއުލާންސްއަށް އަރުވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ. އަދި ހާދިސާ ހިނގިތާ 23 މިނެޓުގެ ތެރޭގައި (7:25)ގައި އަތުހަރު އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދެވުނުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އަންހެނަކު ރަހީނުކުރި މައްސަލައިގައި އަތުހަރު ފުރަތަމަ މަސައްކަތް ކުރީ އަންހެން މީހާ ގޮވައިގެން ފިލުމަށެވެ. އެގޮތުން އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެންގޮސް ސައިކަލަކަށް އެރުމަށްފަހު ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރު ކުރިއެވެ. އެކަމަކު ފުލުހުން ވަނީ އަތުހަރުގެ ބޮލުގައި މުގުރުބުރިއަކުން ޖަހައި މަގުމައްޗަށް ވައްޓާލާ އަންހެން މީހާ ސަލާމަތްކޮށްފައެވެ.