ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100,000 ރުފިޔާ އަށްވުރެ މަދުން ދައްކަންޖެހޭ ފަރާތްތަކުން ފީ އާއި ޖޫރިމަނާތައް ދެއްކުމަށް ހޯމް މިނިސްޓްރީން އަންގައިފިއެވެ.

ހޯމް މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ހަވާލާދީފައިވާ ގާނޫނާއި ގަވާއިދުގެ ދަށުން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާ އަށްވުރެ މަދުން ދައްކަންޖެހޭ ފަރާތްތަކުން ސެޕްޓެމްބަރު 16، 2024 ވަނަ ދުވަހުގެ ކުރިން މި ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް އަންގާފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ މި ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްނުކުރާ ފަރާތްތައް އާންމުކޮށް އިއުލާން ކުރާނެކަމަށް ބުނެފައެވެ. އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އާ ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ހޯމް މިނިސްޓްރީން ބުނީ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅަމުން އަންނަކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު 02، 2024 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެ ފަރާތްތަކަށް ދިނުމަށް ނިންމާފައި ވާކަމަށެވެ. އަދި މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މައުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.