މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސާ ރަހީނުކުރި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނު ކުރި އަހުމަދު އަތުހަރު، ހުރީ މައްސަލަ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައެވެ. ފުލުހުން އޭނާ ގޮޅީގައި ބަހައްޓާފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އޭނާ ވަނީ އިތުރު ފަރުވާ އަށް އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވާން މަސައްކަތް ކޮށްފައި ވަނީ ބަންދުކޮށްފައި ހުރި ގޮޅީގައި ދަންޖެހިގެންނެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން މިރޭ ބުނީ އޭނާގެ ހާލަތު ގޯސްވެ، އައިޖީއެމްއެޗުގެ އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރަށް ލާފައިވާ ކަމަށެވެ. އަދި މައްސަލަ ހިނގި ގޮތް ބަލަން ދޫނިދޫ ކަސްޓޯޑިއަލްގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އަތުހަރު ގެންދިޔަފަހުން މިއީ ހޮސްޕިޓަލަށް ގެންދިޔަ ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހައްޔަރު ކުރުމުގެ ތެރޭގައި ބޮލަށް ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށެވެ. އެއަށްފަހު އޭނާ ގޮޅިއަށް ބަދަލު ކުރި ފަހުން ހާލު ދެރަވެގެން އޭނާ އަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

އަންހެނަކު ރަހީނުކުރި މައްސަލައިގައި އަތުހަރު ފުރަތަމަ މަސައްކަތް ކުރީ އަންހެން މީހާ ގޮވައިގެން ފިލުމަށެވެ. އެގޮތުން އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެންގޮސް ސައިކަލަކަށް އެރުމަށްފަހު ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރު ކުރިއެވެ. އެކަމަކު ފުލުހުން ވަނީ އަތުހަރުގެ ބޮލުގައި މުގުރުބުރިއަކުން ޖަހައި މަގުމައްޗަށް ވައްޓާލާ އަންހެން މީހާ ސަލާމަތްކޮށްފައެވެ.