ބިދޭސީ މަސައްކަތް ކުރަން ގެންނަ މީހުންނަށް އިހުމާލުވާ ދިވެހިން ޖޫރިމަނާ ކުރާ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ދާއޫދެވެ. އޮގަސްޓް 19 ވަނަ ދުވަހު މި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ތާއިދާއެކުއެވެ.

މި ބިލުގައި، ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރެވޭނީ، ވަޒީފާއާބެހޭ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައިކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ ކަމަށާއި އެ ފަރާތްތައް މި ބިލުގައި ބަޔާންކުރައްވައިފައިވެއެވެ. އަދި މި ބިލުގައި ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ ޢަދަދާއި ދާއިރާތައްވެސް ކަނޑައަޅާފައި ވެއެވެ.

މީގެ އިތުރުން މި ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކުރައްވައި ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން އެ ބިދޭސީއަކު މަސައްކަތްކުރާނެ ވޯކްސައިޓް ރަޖިސްޓަރީކުރުމާއި، ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވޯކް ޕާމިޓް ހެއްދުން ހިމެނެއެވެ. މީގެ އިތުރުންވެސް ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

އެއީ ބިދޭސީން މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމާއި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ. ގެ މަގުން ޖޫރިމަނާ ކުރުމާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާދޭ ފަރާތަށް ދޭ ހިދުމަތްތައް ބިލްގެ ދަށުން ހަދާ ގަވައިދާ އެކުގައި ވަކި މުއްދަތަކަށް ހުއްޓާލެވޭނެ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.

އަދި ހަމައެހެންމެ ބިދޭސީ މަސައްކަތްތެރިޔާގެ ވަޒީފާގެ އެއްބަސްވުމުގެ ދާއިރާގެ ތެރެއިން ކުރާ އެހެނިހެން މަސައްކަތް ކުރުމަކީ އެހެން ވަޒީފާއެއް އަދާ ކުރުން ކަމުގައި ނުބެލެވޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

ރައީސް މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެއެވެ.