މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ޝާހިލް ވަކީލަކާ ނުލައި މައްސަލަ އަމިއްލައަށް ކުރިއަށްގެންދަން މިއަދު ކޯޓުގައި އެދިއްޖެއެވެ.

ޝިއާއު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުން، ކެނަބިސް ބޭނުންކުރުން، އޮރިޔާން ކާޑު ގެންގުޅުން ހިމެނޭއިރު ދެން ކޮށްފައިވާ ދެ ދައުވާ ވަނީ ސިއްރު ކޮށްފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ޝާހިލް އަމިއްލައަށް ދައުވާ ކުރިއަށް ގެންދަން ބޭނުންވާތީ ބަންޑާރަ ނައިބުގެ އޮފީހުން ހަމަޖެއްސި ދައުލަތުގެ ވަކީލް ދޫކޮށްލާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޝާހިލްގެ ފަރާތުން އެއްބާރުލުން ނުލިބޭތީ އެ މައްސަލައިގެ އަޑުއެހުންތައް އޮތީ މަޑުޖެހިފައެވެ. އެގޮތުން ޕީޖީ ހުސައިން ޝަމީމް ވަނީ ޝާހިލް ވަކީލުންނާ ވާހަކަ ނުދައްކާ ކަމަށާއި ދައުލަތުން 3 ވަކީލުން އައްޔަންކޮށްދިން ނަމަވެސް ވަކީލުންނާ ވާހަކަދައްކަން ޝާހިލް ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ޕީޖީ އޮފީހުން ވަނީ މި މައްސަލައިގައި އިތުރު ވަކީލުން ހަމަޖައްސައި ނުދޭން އޭރު ނިންމާފައެވެ.

ނަމަވެސް ދައުވާ އަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރިކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.