ހައްދުފަހަނަޅާފައި ވާ އިޒްރޭލުން، ފަލަސްތީނުގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް މާލެ އާއި ހުޅުމަލޭގައި އިހްތިޖާޖު ކުރަމުން ދިޔަ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކ. މާލެ، މ. ބަޑިކުޅިމާގެ، އާއިޝަތު ޝާދިޔާ އަދި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޒުރާ އިބްރާހިމްއެވެ. މީގެ ތެރެއިން ޝާދިޔާ އަކީ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުންނެވެ.

ފުލުހުން ބުނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ދެ އަންހެނަކު ފުލުހުން ހައްޔަރު ކޮށްފައި ވަނީ ބޭއަދަބީ ބަހުން ވާހަކަދައްކައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށެވެ. އަދި މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެންމެ ފުރަތަމަ ބަންދަށް ވަނީ 3 ދުވަސް ޖަހާފައެެވެ.

މިއަދު އެމީހުންގެ ބަންދުގެ މުއްދަތު ހަމަވެފައިވާއިރު ފުލުހުން ބުނީ މިއަދު އެ ދެމީހުންގެ ބަންދަށް، އަނެއްކާވެސް އިތުރު 5 ދުވަސް ޖަހާފައި ވާކަމަށެވެ.