މާލެއާއި ހުޅުމާލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގައި އަބަދުވެސް ޖުމްލަ 6 ލޭން އޮތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބް ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖްގެ ލޭންތަކާ ގުޅިގެން ދެކެވޭ ވާހަތަކާ ގުޅުގެން މުއްތަލިބް ވިދާޅުވީ، އަބަދުވެސް ސިނަމާލެ ބްރިޖުގައި އޮތީ 6 ލޭން ކަމަށާއި، ބްރިޖުގެ ލޭންތައް ބޭނުންކުރާނެ ގޮތް ކަނޑައަޅާނީ ސަރުކާރުން ކަމަށެވެ.
ބްރިޖުގެ ލޭންތަކުގެ މައްސަލަ ހޫނުވެފައި މިވަނީ، މިދިޔަ އަންގާރަ ދުވަހު ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު ލޭނެއް މަދުވެގެން، އޭރު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތްހަމަނުޖެހުން ފާޅު ކުރެއްވި ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް އޭގެ ފަހުން އަބްދުއްރަހީމް ވަނީ މުއިއްޒު އޭރު ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދެވީ ޑިޒައިންއާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.
އެއަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދެވީ ޑީޒައިނާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އެއްވެސް އިރެއްގައި ލޭނެއް މަދުވެފައި ނުވާނެ ކަމަށާއި އޭރުވެސް ކުރެހުމުގައި އޮތް ގޮތަށް ބްރިޖް މަސައްކަތް ނިންމާލެއްވި ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މިއާއެކު ގިނަ ބަޔަކު ބަހުސް އަކަށް ދިޔައިރު، ސިނަމާލެ ބްރިޖު އިފްތިތާހު ކުރި ޖަލްސާގެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ. އެ ރަސްމިއްޔާތުގައި އެއިރުގެ ނައިބު ރައީސް އަހްމަދު އަދީބު ވަހަކަ ދައްކަވަމުން ވަނީ ބްރިޖުގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާނެ ދެ ލޭނުގެ އިތުރުން ސައިކަލު ދުއްވާނެ ލޭނެއް ވެސް އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އެ ރަސްމިއްޔާތުގައި ދައްކައިލި ބްރިޖުގެ ޑިޒައިން ވީޑިއޯއިން ވެސް ސައިކަލު ދުއްވަން ވަކި ލޭނެއް އޮތްކަން އެނގޭ އިރު އެއީ މިހާރު ހިނގަން ހާއްސަކޮށްފައިވާ ލޭނެވެ.