މާލޭގެ މާފަންނު ގެއެއްގައި އަންހެނަކު ކިޑްނެޕް ކުރި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރަށް ފިޓު ޖެހުނު ކަމަށާއި އޭނާއަށް އައިސީޔޫގައި ފަރުވާ ދިން ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ ޑޮކްޓަރަށް ދައްކައި އަދި މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓުތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާލިއިރު ޓެސްޓްތައް ނޯމަލް ކަމަށެވެ.
ސައިކޭޓްރިސްޓް އަދި ނާރުގެ ހާއްސަ ޑޮކްޓަރަކަށް ވެސް އޭނާ ދައްކާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލައެއް ނެތްކަމަށާއި އޭނާ ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ އޭނާއަށް އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ރެކަމެންޑްކޮށްފައި ނުވާ ކަމަށެވެ. އަދ ފިޓް ޖެހުނު ކަމަށް މިހާތަނަށް ޑޮކްޓަރުގެ އެއްވެސް ލިޔުމެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޑްނެޕް ހާދިސާގައި އަތުހަރަށް އަނިޔާވީ، އޭނާ ހުއްޓުވަން ފުލުހުންގެ އޮފިސަރަކު އޭނާގެ ބޮލުގައި މުގުރުން ޖަހާ ވައްޓާލުމުން ބޯފަޅައިގެން ދިޔުމާއެކުގައެވެ. އެއާއެކު އޭނާއަށް ފަރުވާ ދޭން ފުރަތަމް ގެންދިޔައީ އޭޑީކޭއަށެވެ. އަދި ފަރުވާ ދިނުމަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަނެއްކާވެސް އޭނާގެ ހާލު ގޯސްވުމުން އައުޖީއެމްއެޗްއަށް ގެންގޮސް ވަނީ އޭނާއަށް ފަރުވާ ދީފައެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު މިހާރު އަތުހަރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.