ސައިކަލު ދުއްވަން ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެ، ބްރިޖް ހުޅުވުން ކެންސަލްކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތްކުރެއްވި ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

'ސަންގު ޓީވީ' އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ސިނަމާލެ ބްރިޖްގެ މަސައްކަތްތައް އެއްކޮށް ނިމެން މަހަކަށް ވެފައި އޮއްވާ ޔާމީން ބްރިޖް ކޮމިޓީ ހާޒިރުކުރައްވައި، ސައިކަލަށް ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި ކަމަށެވެ. އެކަމަކު މަޝްރޫއު ނިމެން ގާތްވެފައި އޮއްވާ ލޭނެއް ކަނޑައެޅުމަކީ ނުވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.އެގޮތަށް ދެންނެވުމުން ހިނގާ މީހުންނަށް ކަނޑައަޅާފައި އޮތް ލޭނު ސައިކަލު ލޭނަކަށް ބަދަލުކުރުމަށް ޔާމީން އެންގެވި ކަމަށް ވެސް، ރައީސް ވިދާޅުވިއެވެ."ދެން އަޅުގަނޑުމެން ފިޒިކަލީ ވެސް އެތަނުގެ މައްޗަށް ސައިކަލު އަރުވައިގެން ދުއްވޭތޯ ވެސް ބެލިން، ދެން އެތާނގަ ތިރީގަ އަޅާފަ އޮންނަ ލޭޔާ އެއީކީ އެއް އަސްލު ހަގީގަތުގަ ވެހިކަލްސް ހެވީ ވެހިކަލްސް ނުވަތަ ސައިކަލްސް ދުއްވާކަށް އޮންނަ ސްލެބެއް ނޫން އަޅަނީކީއެއްވެސް،"އެމަނިކުފާނު ވިދާޅުވީ، ޗައިނާގެ ސަރުކާރާ ވެސް މިކަމުގައި ސީދާ ވާހަކަ ދެކެވުނު ނަމަވެސް، ކަން އޮތީ ވަކިން ސައިކަލަށް ލޭނެއް ކަނޑައެޅޭނެ ގޮތަކަށް ނޫން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ރައީސް އޮފީހުގެ ތެރޭގައި އޮންނަ ހަނި ގޯޅިއަކަށް ސައިކަލު ވައްދައިގެން ވެސް މަސައްކަތް ކުރިއަށް ގެންގޮސްފައިވާނެއެވެ.މިހެން އޮއްވާ ހުކުރު ދުވަހެއްގައި ވަޒީރުންނާއި މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާހެން ޕީޕީއެމްގެ އޮފީހުގައި ޔާމީން ބައްދަލުވުމެއް ބޭއްވި ކަމަށް ވިދާޅުވެ، އެ ބައްދަލުވުމުގެ ބައެއް ތަފްސީލު ރައީސް ހިއްސާކުރެއްވިއެވެ."ދެން ވިދާޅުވީ އެތާ އެންމެންގެ ހާޒިރުގަ މި ބްރިޖް ނުހުޅުވޭނެޔޭ، މީގަ ސައިކަލަށް ވަކި ލޭނެއް ނެތޭ، ފިޒިކަލީ ބެރިއާކޮށްފަ ވަކި ލޭނެއް އޮންނަން ބޭނުންވެޔޭ އެހެން ނޫން ނަމަ އެކްސިޑެންޓްސްތައް ވާނެޔޭ،"އެހާހިސާބުން ކަން ހިނގި ގޮތް ޔާމީނަށް ކިޔައިދެއްވާފައިވާނެ ކަމަށާއި، އެގޮތުން އެމަނިކުފާނު ބްރިޖްގެ މަސައްކަތާ ހަވާލުވިފަހުން ކުރެހުމަށް އެއްވެސް އުނިއިތުރެއް ނާންނަ ކަމާއި، އެމަނިކުފާނަކީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ މެންބަރެއް ނޫންކަން ވެސް ޔާމީނަށް ކިޔައިދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.މިކަމުގައި ޗައިނާގެ އޭރުގެ ސަފީރާ ވެސް އެތައް ފަހަރެއް މަތިން މަޝްވަރާކުރައްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ."ކްލިއާލީ [ޔާމީން] ހަމަ ވިދާޅުވި، ބްރިޖެއް ނުހުޅުވާނަމޭ، ނިމުނީއޭ، އެހެން ވިދާޅުވެފަ މީޓިން ނިންމާލައްވާފަ ވަޑައިގަތީ، ދެން އެ ވާހަކައިގެ ތެރޭގަ އަޅުގަނޑަށް ވަރަށް ބޮޑު އަސަރެއްކުރި އަސްލު ހަމަ، ރޮވުނު،"ރައީސް ވިދާޅުވީ، އެ ބައްދަލުވުމުގެ ފަހުން ޔާމީނަށް ގުޅުއްވައި، ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް ދަންނަވާފައިވާނެ ކަމަށާއި، އެހެން ނޫން ނަމަ ރާއްޖެއާއި ޗައިނާގެ ގުޅުމަށް އަސަރުކުރާނެ ކަމަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ. ބްރިޖް ހުޅުވަން ޔާމީން އެއްބަސްވެވަޑައިގަތީ އެ ހިސާބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ."ދެން ވިދާޅުވެއްޖެ އާ އެންމެ ރަނގަޅޭ މިހާރު ތިއޮތްގޮތަށް ކުރިއަށް ގެންދާށޭ. މައްސަލައެއްނެތޭ ސްޕީޑް ބްރޭކާސް ލާފައި. ދެން އަޅުގަނޑު ސްޕީޑް ބްރޭކާސް ގެނެސްފައި ހުންނާނީ. ދެން ސްޕީޑް ބްރޭކާސް ހަރުކޮށްލައިގެން ކުރިއަށް ގެންދާށޭ. އެއީ ވީގޮތަކީ ދެން އެއްބަަސްވެއްޖެ އެ ހިސާބުން. އިތުރު ކަމެއް ހިނގި ކަމެއް ނޫން މިއީކީ ދެން،"ރައީސް ވަނީ، ބްރިޖްގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ކަނޑައެޅި ގޮތަށް، މަސައްކަތުގެ އެއްވެސް ސްޓޭޖެއްގައި އުނި އިތުރެއް ގެނައުމެއް ނެތި ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.