ސެޕްޓެމްބަރު 2014 ގެ ފަހުން ސިނަމާލެ ބްރިޖްގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ އެމަނިކުފާނު ކަމަށާއި، އެމަނިކުފާނާ މަސައްކަތް ހަވާލުވި ފަހުން އެއްވެސް އިރެއްގައި ބްރިޖްގެ ލޭނު ކަނޑައެޅިފައިވާ ގޮތަށް ބަދަލެއް ނާންނަ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

'ސަންގު ޓީވީ' އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ސިނަމާލެ ބްރިޖް އެޅުމުގެ މަސައްކަތުގައި އޭރުގެ ސަރުކާރުން ހައުސިން މިނިސްޓްރީ ބައިވެރިކުރީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގެ ހިސާބުގައި ކަމަށާއި، އެކަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީ އަށް އަންގާފައި ވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ.އޭރު ހައުސިން މިނިސްޓަރުގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސް ވިދާޅުވީ، އޮކްޓޯބަރު ނޮވެމްބަރުގެ ފަހުން ބްރިޖްގެ މަސައްކަތަށް އެއްވެސް ބަދަލެއް ގެނެސްފިކަމަށް ވަންޏާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އޭގެ ފަހުންނެއް، މި ދެންނެވީ ސެޕްޓެމްބަރު އޮކްޓޯބަރު ހިސާބު 2014 ގެ ފަހުން ޕްރީ ފީޒިބިލިޓީ ސްޓޭޖާއި ފީޒިބިލިޓީ ސްޓޭޖާއި ކޮންސެޕްޓް ޑިޒައިނިން އާ ޑީޓެއިލް ޑިޒައިން އާ މި ހުރިހާ މަރުހަލާއެއް ދިޔައީ އޭގެ ފަހުން އަޅުގަނޑުގެ ބެލުމުގެ ދަށުން، އެއްވެސް އިރެއްގަ ލޭނުގެ އަދަދު ބަދަލުވެފައެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.ބްރިޖްގެ މަސައްކަތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވި އިރު ވެސް އެންމެ ފުރަތަމަ އޮތީ ކޮޅެއްގައި ދެ ލޭން ހިމަނައި، ހިނގާ މީހުންނަށް ނުވަތަ ބައިސްކަލު ދުއްވާ މީހުންނަށް ބައެއް ހިމަނާ ގޮތަށް ކަމަށާއި، އެކަމަކު ހެވީ ވެހިކަލްތަކަށް ނުވަތަ ބަރު އުޅަނދުފަހަރަށް ހަދާފައިވާ ލޭން ފުޅާކުރުމަށްޓަކައި ކުޑަ ތަންކޮޅެއް އިތުރުކުރައްވާފައި ވާނެ ކަމަށް ވިދާޅުވިއެވެރައީސް ވިދާޅުވި ގޮތުގައި، ބްރިޖްގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ކަނޑައެޅި ގޮތަށް، މަސައްކަތުގެ އެއްވެސް ސްޓޭޖެއްގައި އުނި އިތުރެއް ގެނައުމެއް ނެތިއެވެ.