އުމުރުން އެންމެ ދޮށީ މީހުންގެ އެންމެ ގިނަ ޖަޕާނުގައި މީހެއްގެ ހިލަމެއް ނެތި އަދި އަޅާލާނެ މީހަކު ނެތި އަމިއްލަ ގޭގައި އޮވެ މިއަހަރުގެ މިހާތަނަށް 40,000 މީހަކު މަރުވެފައި ވާ ކަމަށް ރިޕޯޓަކުން ބުނެފިއެވެ.
ޖަޕާނުގެ ފުލުހުން އާންމު ކުރި ރިޕޯޓެއް ބުނާގޮތުގައި މިއަހަރު ދެބައިވި އިރު 40,000 މީހެއްގެ ހަށިގަނޑު އެކިއެކި ގޭގެއިން ފެނިފައި ވެއެވެ. އޭގެ ތެރެއިން 4000 އެއްހާ މީހުންގެ ހަށިގަނޑު ފެނުނީ, މަރުވިތާ މަހެއް ވެސް ވީ ފަހުން ކަމަށާއި, އަދި 130 މީހެއްގެ ހަށިގަނޑު ފެނުނީ މަރުވިތާ އަހަރެއްވެސް ވެފައި ވަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ, މި މީސް މީހުން ގެއްލިގެން ނުވަތަ އާންމުކޮށް ނުފެންނާތީވެސް މީހުން އުޅެފައި ނުވާ ކަމަށާއި އަދި އެއިން މީހެއްގެ އާއިލާގެ މެންބަރެއްގެ ފަރާތުންވެސް އެމީހުން ހޯދަން އުޅެފައި ނުވާ ކަމަށެވެ.
އދ ގެ އިދާރާތަކުން ބުނާގޮތުގައި ދުނިޔޭގައި އެންމެ ދުވަސްވީ އާބާދީ ބޮޑު ޖަޕާނުގައި ފެންނަމުން މިދާ އާދަ އަކީ, ކަމާބެހޭ ފަރާތްތަކުގެ ލޯހުޅުވިގެންދާނެ ކަމެކެވެ. އެގައުމުގެ އިދާރާތަކަށް މި މައްސަލަ ފާހަގަ ކުރެވި ފިޔަވަޅު އެޅުމަކީ އެދޭ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ޖަޕާނު ފުލުހުންގެ ރިޕޯޓް ބުނާގޮތުން, އަމިއްލަ ގޭގައި އޮވެ މަރުވި މީހުންގެ ތެރެއިން 37,227 މީހުންނަކީ އުމުރުން 65 އިން މަތީގެ މީހުންނެވެ. އޭގެ ތެރެއިން 40 ޕަސެންޓް މީހުން މަރުވިތާ 1 ދުވަސް ތެރޭގައި ފެނިފައި ވާ ކަމަށާއި ނަމަވެސް 3939 މީހަކު މަރުވިކަން އެނގުނީ 1 މަސް ވީ ފަހުން ކަމަށެވެ.
މަރުވި މީހުންގެ ތެރެއިން 7498 މީހަކީ އުމުރުން 85 އަހަރުން މަތީގެ މީހުންނެވެ. 75 އަހަރާއި 79 އަހަރާ ދެމެދުގެ 5920 މީހަކު ފެނިފައި ވާ އިރު 70 އާއި 74 އަހަރާ ދެމެދުގެ 5635 މީހަކު ފެނިފައިވާކަމަށް ރިޕޯޓު ބުނެއެވެ.
ޖަޕާނުގެ ނޭޝަނަލް އިންސްޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗް އިން ބުނީ 2050 އަންނަ އިރު ޖަޕާނުގައި އުމުރުން 65 އަހަރުން މަތިވެ ވެ އެކަނި އުޅޭ އާބާދީ 1.8 މިލިއަނަށް އަރާނެ ކަމަށެވެ. ހަމަ އެހެންމެ އެކަނިމާ އެކަނި ދިރިއުޅޭ އާބާދީ އެ ތާރީހު އަންނަ އިރު 23.3 މިލިއަނަށް އަރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.