މާލޭގެ ތިން އިމާރާތަކަށް ގެއްލުންދީ ވައްކަން ކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ވައްކަންކޮށްފައި ވަނީ އަމީރު އަހުމަދު މަގުގައި ހުރި ތިން އިމާރާތަކުން ކަމަށެވެ.

ރޭ ހުށަހެޅި އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. އެހެންކަމުން ވަގަށް ނަގާފައިވަނީ ކޮން ތަކެއްޗެއް ކަން މިހާތަނަށް އެނގިފައި ނުވެއެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ވައްކަން ކޮށްފައި ވަނީ ތިން އޮފީހަކުންނެވެ.

މާލޭގައި މިހާރަަކަށް އައިސް ވައްކަމާއި ފޭރުން ދަނީ އާންމު ވަމުންނެވެ. އެގޮތުން އިއްޔެ އާއި އޭގެ ކުރީ ދުވަހުވެސް ވަނީ އީދު މިސްކިތުން ވައްކަން ކޮށްފައެވެ. އީދު މިސްކިތުން ވަގަށް ނެގި ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނެއެވެ.

މިސްކިތްކާއި އާންމު ގެތަކުގެ އިތުރުން މަގުމަތިން ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް ވަގުންގެ އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވީ ނަމަވެސް މިކަމަށް އެންމެ އެދެވޭ ހައްލެއް ކަމާ ބެހޭ ފަރާތްތަކުން ހޯދާދީފައި ނުވެއެވެ.