ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 666 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އަދި އެއީ ސިންތެޓިކް ކެތިނޯން ނަމަކަށް ކިޔާ މަސްތުވާތަކެތީ ބާވަތެއް ކަމަށާއި އެތަކެތީގެ މަގުމަތީގެ އަގަކީ އެއް މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެތި ހުރީ ރަބަރު ޕެކެޓެއްގައި ބަންދުކޮށްފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ވެސް ވައިގެ މަގުން 680 ގްރާމްގެ ކެތިނޯން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ވަނީ އަތުލައިގެންފައެވެ. ހަމައެއާއެކު މި މަހުގެ 19 ވަނަ ދުވަހު 10.20 ކިލޯގެ ކެނެބިސް އާއި 740 ގްރާމްގެ ހިރޮއިން ވެސް ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ވަނީ އަތުލައިގެންފައެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް އާންމުކުރަމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްޓަމްސް އިން ބުނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށާއި، އޭގެ ލަފާކުރާ މަގުމަތީ އަގު 106،358،952 ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރު އެންމެ ގިނައިން އަތުލައިގަނެފައިވަނީ ކެނަބިސްގެ ބާވަތްތަކެވެ. އެގޮތުން 17.38 ކިލޯގެ ކެނަބިސް އަތުލައިގަނެފައިވާ އިރު، 5 ކޭސް އަކުން 11.60 ކިލޯގެ ހެރޮއިން ވެސް ވަނީ އަތުލައިގަނެފައެވެ. މީގެއިތުރުން ކޮކައިން ގެ 15.64 ކިލޯވެސް ވަނީ އަތުލައިގަނެފައެވެ.