މިރޭ މާލޭގެ މާފަންނު ގެއެއްގައި އަންހެނަކު ކިޑްނެޕް ކުރި ފިރިހެން މީހާ ހިފެހެއްޓުމުގެ ތެރޭގައި އެމީހާއަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި ހިމެނޭ އަންހެންމީހާ ރަހީނުކޮށް އޭނާ ހުރި ގޭތެރޭގައާއި އަދި މަގުމައްޗަށް ނެރެ ވެސް އެމީހާ އަށް ވަނީ އަނިޔާކޮށްފައި ކަމަށެވެ.

ފުލުހުން އެ އަންހެން މީހާ ސަލާމަތް ކުރަން އުޅެފިނަމަ އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސާ ފުލުހުންނަށް އެ ފިރިހެން މީހާ އިންޒާރު ދިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެއަށް ފަހު ވެސް އެ އަންހެން މީހާ ގޭތެރެއަށް ވައްދާ އެމީހާ ވަނީ އަންހެން މީހާއަށް އަނިޔާ ކޮށްފައެވެ. އަދި އެއަށް ފަހު އެ އަންހެން މިހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ އަލުން ބޭރަށް ނެރެ އަންހެން މީހާއާ އެކު ސައިކަލަކަށް އަރައިގެން އެމީހާ ފިލަން ވަނީ މަސައްކަތް ކޮށްފައެވެ.

އެމީހާ އަތުލައިގަތުމަށް ފުލުހުން ހުށިޔާރު ކަމާއެކު ހަރަކާތްތެރިވެ އެ މީހާ މަގުމައްޗަށް ވައްޓާލުމުން އެމީހާ އަށް އަނިޔާވެ އޭޑީކޭގާއި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކިޑްނެޕް ކުރި އަންހެން މީހާ އަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ބުނެއެވެ.

މި މައްސަލައިގައި ފިރިހެން މީހާއަށް ލިބިފައި ވާ އަނިޔާ ދެނެގަތުމަށް ޓެސްޓް ހަދަން ޖެހޭ ކަމަށް ފުލުހުން ބުނެއެވެ.