މާލޭގައި އަންހެނަކު ރަހީނު ކުރި ފިރިހެން މީހާ އަތުލައިގެންފިއެވެ.
މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން މިރޭ ފުލުހުން ހަރަކާތްތެރިވެފައިވާ އިރު، އެއީ މާފަންނު ގެއެއްގައި ކަމަށް ފުލުހުން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައެވެ.
އޭނާ ދާދި ދެންމެއަކު ހައްޔަރުކޮށްގެން ފުލުހުން ގެންގޮސްފައި ވަނީ، ފުލުހުންގެ ވެހިކަލެއްގައެވެ. އެ ވެހިކަލުގައި އެ ފިރިހެން މީހާ ގަދަހަދަމުން ދާތީ ހަތަރު ފުލުހުން އޭނާ ހިފަހައްޓައިގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ވައިރަލް ވަމުންނެވެ.
އޭގެ ފަހުން އެމީހާ އަތުލައިގެން ވީޑިއޯ ވެސް ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި އެ ސައިކަލު ކުރިއަށް ދިއުމަށް ޖާގާ ހެދުމަށް ފުލުހަކު އާންމުން ދުރަށް ޖައްސާ މަންޒަރު ފެނެއެވެ. އެ ވަގުތު ވެސް ކިޑްނޭޕަރު ވަޅިއެއް އެ އަންހެންމީހާގެ ކަރުގައި ޖައްސައިގެން ހުރެ މީހުން ދުރަށް ޖެހުމަށް ބުނަމުން ދެއެވެ.
އެ ވަގުތު ކިޑްނެޕް ކުރި މީހާގެ ސައިކަލު ފަހަތުން އައި ފުލުހުންގެ ސައިކަލެއްގެ ފަހަތުގައި އިން އޮފިސަރަކު ފައިބެ އޭނާގެ އަތުގައި އޮތް މުގުރުބުރިން ކިޑްނެޕް ކުރި މީހާގެ ބޮލުގައި ޖަހައެވެ. އެއާއެކު އެމީހާ އާއި ރަހީނުކޮށް ހިފަހައްޓާފައި އިން އަންހެން މީހާ ވެއްޓެއެވެ. އަދި އާންމުން ވެސް އެ ސަރަހައްދަށް އެއްވެ ވެއްޓިފައި އޮތް ފިރިހެން މީހާ ގައިގައި ތަޅަން ފަށައެވެ.
ދެން ފުލުހުން އާންމުން ދުރަށް ޖައްސާ އެ ފިރިހެން މީހާ ހިފަހައްޓައެވެ. އަދި ރަހީނު ކުރި އަންހެން މީހާ އެއްފަރާތަކަށް ޖައްސާ އެތަނުގައި ތިބި އަންހެނުންތަކެއް އެ އަންހެން މީހާއާ ހަވާލުވާ މަންޒަރު ފެނެއެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއް ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ.
މި ކޭސްއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ފުރަތަމަ ވިޑިއޯއިން ފެންނަ މަންޒަރުގައި އަންހެނަކު ހިފަހައްޓާއިގެން ހުރެ ފިރިހެނަކު ވާހަކަދައްކާ މަންޒަރު ފެނެއެވެ. އަދި އެއަށް ފަހު ޝާއިއުކުރި ވީޑިއޯއަކުން، އެމީހާ އެ އަންހެން މީހާ ގޮވައިގެން އެގެއިން ބޭރަށް ނިކުމެ ސައިކަލަށް އަރާ އިންނަ ތަން ފެނެއެވެ. އޭރު އެ ސަރަހައްދުގައި ފުލުހުންގެ ފަސް ވަރަަކަށް އޮފިސަރުން ހަރަކާތްތެރިވަމުންދާ މަންޒަރު ވެސް ފެނެއެވެ.
އެ އަންހެންމީހާ ކަރުގައި ވަޅި ޖައްސައިގެން ހުރި ކަމަށް އެ ވީޑިއޯއިން އިވޭ އަޑުތަކުން މީހަކު ބުނާ އަޑު އިވެއެވެ. އެ ވަގުތު އެ އަންހެން މީހާ ސައިކަލު ކުރިއަށް އަރުވައި އަންހެންމީހާ ގައިގައި ހިފަހައްޓައިގެން ހުރެ ސައިކަލު ފަހަތަށް އެ ފިރިހެން މީހާ އަރާ ހަމަޖެހި ސައިކަލު ދުއްވާފާ ދާ މަންޒަރު ފެނެއެވެ. ސައިކަލޫ ދުއްވަނީ އެ އަންހެން މީހާއެވެ. ފަހަތުގައި އިން ފިރިހެން މީހާ އިނީ އެ އަންހެންމީހާ ގައިގައި ހިފަހައްޓައިގެން ތޫނު އެއްޗަކުން ބިރު ދައްކައިގެންނެވެ.