މިހާރު ރާއްޖޭގައި ބޭނުންކުރަމުންދާ އެކްސްޕެޓް ސިސްޓަމް ދޫކޮށް، މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ އެކު ރާއްޖޭގައި އާ އެކްސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރަންޏާ ބޮޑު ބަދަލެއް ދޭން ޖެހޭތީ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އެއްބަސްވުމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިހްސާން ފާހަގަކުރެއްވި ގޮތުގައި، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ބެސްޓިނެޓް ކުންފުންޏާ އެކު އެއްބަސްވުމެއް އެކުލަވާލީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮކްޓޯބަރު 31، 2016 ގައެވެ. އެކަމަކު 2019 ވަނަ އަހަރު ބަންގްލަދޭޝް އިން މަސައްކަތްތެރިން އެތެރެކުރުން މަޑުޖައްސާލަން އޭރުގެ ސަރުކާރުން ނިންމުމުން އެ އެއްބަސްވުމަށް އަމަލުކުރުން ފާޑަކަށް ހުއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން އެ ނިންމުން ނިންމީ ކުންފުންޏާ މަޝްވަރާނުކޮށް ކަމުން، ދެން އަމަލުކުރަންވީ ގޮތެއް ހޯދުމަށް އެ ކުންފުނިން ވަކީލުން މެދުވެރިކޮށް ލިޔެކިއުންތައް ބަދަލުކޮށްފައިވާ ކަމާއި، އެއްބަސްވުމަށް އަމަލުކުރުން ހުއްޓޭގޮތަށް ސަރުކާރުން އަމަލުކުރުމުން އެންމެ ފަހުން 2020 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ދެމެދު އެ ކުންފުނިން ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާފައިވާ ކަމާއި އޭގެ ފަހުން އެއްބަސްވުމުގެ ބާކީ މުއްދަތުގައި ވެސް ސަރުކާރުން ޒިންމާވާން ޖެހޭކަން ފާހަގަކޮށްފައިވާކަން ލިޔެކިއުންތަކުން ފެންނަން އެބަހުރި ކަމަށް އިހްސާން ވިދާޅުވިއެވެ.

"އެ މީހުން ފާހަގަކުރި އެ މީހުން ރާއްޖެއަށް ދީފަ އޮންނާނެ ދެ އޮޕްޝަނެއް. އެއް އޮޕްޝަނަކީ 13.7 މިލިއަން ޑޮލަރުގެ މިދެންނެވި އެ މީހުންނަށް ލިބުނު ބިޒްނަސް ލޮސް އެ ވަގުތަށް ދައްކާފަ އަދި ފަހުން 15 އަހަރު ދުވަހަށް ލިބޭ ގެއްލުމުގެ ލާރި ވެސް ދެއްކުން. އެއީ ކިހާ އަދަދެއް ކަމެއް ވެސް އަޅުގަނޑުމެންނަކަށް އަންގާފައެއް ނެތް،"
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން

"ދެވަނަ އޮޕްޝަނަކަށް ދީފަ އޮތީ އެހެން ހިދުމަތްތަކާއެކުގަ ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުން، މާނައަކީ މިހާރު އަޅުގަނޑުމެން މި ހިދުމަތް ދެމުންދާ ބިދޭސީންގެ ހިދުމަތް ދެމުން ގެންދާ އެކްސްޕެޓް ސިސްޓަމް އާ އެކިއުވެލަންޓް، އެއަށް ވުރެ ކޮމްޕްލީޓް ސިސްޓަމްއެއް ރާއްޖޭގަ ގާއިމްކުރުން " އިހްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބެސްޓިނެޓް ކުންފުނިން ހުށަހެޅި ދެ ހުށަހެޅުން ސަރުކާރުން ދިރާސާކުރުމަށް ފަހު، ސަރުކާރުގެ މާލީ ހާލަތު ހުރި ގޮތުން ކުންފުންޏަށް ބަދަލު ދެވެން ނެތުމުން ނިންމީ ދެވަނަ ހުށަހެޅުމައިގެން ކުރިއަށް ދިއުމަށް ކަމަށާއި، އެއީ ކުންފުންޏާ އެކީ މިދިޔަ މޭ މަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބިދޭސީއެއްގެ އަތުން ނަގާ 6،200 ރުފިޔާގެ ތެރެއިން 1،542 ރުފިޔާ (100 ޑޮލަރު) އެ ކުންފުންޏަށް މަހަކު ދިނުމަށް ކަމަށެވެ. އިހްސާން ވިދާޅުވި ގޮތުގައި ބާކީވާ 4،658 ރުފިޔާ ލިބޭނީ ދައުލަތަށެވެ.

މިހާރު ބޭނުންކުރާ އެކްސްޕެޓް ސިސްޓަމްގެ ދަށުން ހިދުމަތްދޭން 122 މުވައްޒަފުން ބޭނުންކުރާ ކަމަށާއި، އެ މަސައްކަތަށް ވަކި އިމާރާތެއް ހާއްސަކޮށް، އެ އިމާރާތުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ސަރުކާރުން ކަމަށާއި، ހަމަ އެހެންމެ ސިސްޓަމް ހޯސްޓްކުރުމަށް ބޭނުންކުރާ ސާވާ އަށް ހަރަދުކޮށް ކޯލް ސެންޓަރުތަކަށް ވެސް ހަރަދުކުރަނީ ސަރުކާރުން ކަމަށް އިހްސާން ވިދާޅުވިއެވެ.

"މި އެގްރިމެންޓްގެ ދަށުން މި ހުރިހާ ހަރަދެއް، ހުރިހާ މުވައްޒަފުންނާއި ސާވާ ބެލެހެއްޓުމާއި ސާވާ އިމްޕްލިމެންޓްކުރުމާއި އިމާރާތެއް ހޯދުމާއި އޭގެ މެއިންޓެނަންސް ކުރުމާއި އެކްސްޕެޓް ސިސްޓަމްއަށް ހޯސްޓްކުރާނެ ހުރިހާ ސޮފްޓްވެއާއެއް ހޯދުމާއި މި ހުރިހާ ކަމަކީ އެހިސާބުން ފެށިގެން އެ ކުންފުނީގެ ޒިންމާއެއް،"
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން

އިހްސާން ވިދާޅުވީ މިވަގުތު އެކްޓިވްކޮށް ހުރި ބިދޭސީންގެ 221،231 ހުއްދައިގެ ތެރެއިން، ބަރާބަރަށް ފައިސާ ލިބެނީ 50 ޕަސެންޓު ހުއްދަތަކަށް އެކަނި ކަމަށާއި، އެހެންކަމުން އަހަރެއްގެ މައްޗަށް 685 މިލިއަން ރުފިޔާ ދައުލަތަށް ލިބެމުންދާ ކަމަށެވެ. ނަމަވެސް މިހާރު ބޭނުންކުރަމުންދާ ސިސްޓަމްގެ ތެރޭގައި އޮޓޮމެޓިކުން ކުންފުނިތައް ބްލެކްލިސްޓް ކުރެވުމާއި ފައިސާ ނުދައްކާ ނަމަ އޮޓޮމެޓިކުން ނޮޓިފިކޭޝަން ދާ ގޮތް ހެދިފައި ނެތް ކަމަށް ވިދާޅުވިއެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، އަލަށް ތަރައްގީކޮށް އަމަލުކުރަން ފަށާ އެކްސްޕެޓް ސިސްޓަމްގައި އެ ހުރިހާ ފަންކްޝަނެއް ހިމެނި، ފަސޭހައިން ބައޯމެޓްރިކްސް ވެސް ބޭނުންކުރެވޭނެ ގޮތް ހިމެނިފައިވާނެއެވެ.

އެ ސިސްޓަމްގެ ހިދުމަތް ފެބްރުއަރީގައި ދެވެން ފެށޭނެ ކަމަށާއި، އޭރުން ބިދޭސީ މަސައްކަތްތެރިން ގެންނަ ފަރާތްތަކުން ފައިސާ ދައްކާ މިންވަރު އިތުރުވެ، 927 މިލިއަން ރުފިޔާ ދައުލަތަށް އަހަރަކު ލިބޭނެ ކަމަށް އަންދާޒާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.