ރާއްޖޭގައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

ލޭނުގެ މަސްވެރިކަމަށް ފުރުސަތު ދޭނެ ކަމަށާއި އެކަމާ ގުޅޭ ހުރިހާ އިޖުރާތުތަކެއް ފުރިހަމަކުރުމަށްފަހު، ވީހާވެސް އަވަހަކަށް ލޭނު މަސްވެރިކަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެ ވާހަކަތަކާ ހިލާފަށް ރައީސް މިއަދު ވަނީ ލޭނުގެ މަސްވެރިކަން ހުއްދަ ނުދޭން ނިންމަވާ އެކަން އިއުލާން ކުރައްވާފައެވެ. އެކަމާ ގުޅިގެން ނަޝީދު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސްގެ އެ ނިންމެވުމަށް ތައުރީފް ކުރައްވާ މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ލޭނުގެ މަސްވެރިކަމަށް ހުއްދަ ދީފިނަމަ ޓޫރިޒަމް އާއި މަސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއިން މިހާރުވެސް ކުރަމުންދަނީ ތިމާވެއްޓާ އެންމެ ރައްޓެހި މަސްވެރިކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ ބޮޑެތި ފެކްޓަރީ ބޯޓު ފަހަރުގައި ކަނޑުގައި ގުޑިލާ ކޮންމެ އެއްޗެއް ބާނަމުން އަންނަ އީޔޫ އާއި އިނގިރޭސިވިލާތުން ރާއްޖޭގެ މަސް އިމްޕޯޓު ކުރަން ޑިއުޓީ ނަގާ ކަމަށެވެ. އަދި އެކަން ބަދަލުވާންޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައި ނުލަން ރައީސް މިއަދު މި ނިންމެވުމާ ގުޅިގެން، މަސްވެރިކަން ކުރަމުންދާ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ ބޮޑު ނިންމުމެއް މަސްވެރިންގެ މަޝްވަރާ ނުކޮށް ނިންމުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

އަދި މެނިފެސްޓޯގައި ހިމަނާފައިވާ ކަންނެލި މަސްވެރިންނާއި ގުޅޭ ވައުދުތައް ވީހާވެސް އަވަހަށް ފުއްދަވަން މަސައްކަތް ކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައި ނުލަން ރައީސް މިއަދު މި ނިންމެވުމާ ގުޅިގެން، އިތުރު މަޝްވަރާތައް ކުރުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި، އަދި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތު ވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނެ ކަމަށް މިއަދު ވިދާޅުވިއެވެ.