ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމި ނިންމުމަށް އަމަލު ނުކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން، ޖޫން 13، 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅި ކަންތައްތަކަށް ރިޢާރަތް ކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް އަމަލު ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީއެވެ.
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައި ނުލަން ރައީސް މިއަދު މި ނިންމެވުމާ ގުޅިގެން، އިތުރު މަޝްވަރާތައް ކުރުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި، އަދި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތު ވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ދާދި ދެންމެ ވަނީ ބުނެފައިވެއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށް ކަމަށް ވެސް އެ އޮފީހުން ބުނެފައި ވެއެވެ.