އދ. ދިއްދޫ ކައުންސިލުގެ ކުރީގެ ފިނޭންސް އެންޑް އައިޓީ ކޮންސަލްޓަންޓު ހިޔާނާތުގެ މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދިއްދޫ ކައުންސިލުގެ ކުރީގެ ފައިނޭންސް ކޮންސަލްޓަންޓު ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 27 ވަނަ ދުވަހު ސިޓީއަކުން ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ ދިއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލުން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދިނުމާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކޮށްފައިވާ މައްސަލައިގައި އެ ކައުންސިލްގެ ކުރީގެ ފައިނޭންސް އަދި އައިޓީ ކޮންސަލްޓަންޓްގެ މައްސަލަ ފުލުހަށް ހަށަހަޅާފައިވާކަމަށް ބުނެފައެވެ.

ދިއްދޫ ކައުންސިލުން ބުނީ ދިއްދޫ ކައުންސިލުން، އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދިނުމާއެކު ފޭކް ސްޓޭޓްމަންޓެއް ހުށަހަޅާފައިވަނީ ކައުންސިލުގެ އެސްޖީ އާއި އޭނާގެ ފިރިމީހާކަމަށެވެ. ކައުންސިލުގެ ބަޔާނުގައި ބުނީ ކަރަންޓުބިލް ދެއްކުމަށް އެސްޖީގެ ފިރިމީހާގެ އެކައުންޓަށް 96،000 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިން 38،535.94 ރުފިޔާ 'ސްޓެލްކޯ އީޕޭ' މެދުވެރިކޮށް ދައްކާފައިވާއިރު ބާކީ ފައިސާ ކައުންސިލަށް ޖަމާކޮށްފައި ނުވާކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ކައުންސިލް ފައިސާއިން ގަތް އެއްވެސް އެއްޗެއްގެ ބިލެއް ނުވަތަ ބާކީ ފައިސާ ކައުންސިލަށް ލިބިފައިނުވާއިރު މި ހަރަދުތަކުގެ ތަފްސީލު ދިނުމަށް ތަކުރާރުކޮށް އެފަރާތުން އިންކާރު ކުރަމުން ދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.