ސެންޓްރަލް ޖަލު ގާއިމުކުރެވުމާއެކު ގައިދީއަކަށް މަހަކު ހޭދަކުރެވޭ އަދަދު 17،000 ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިފަދައިން ވިދާޅުވީ "ދިވެހި ސަގާފީ ގޯތި" ހުޅުވުމަށް މިއަދު ހެނދުނު ކ.މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލު ހިންގުމަކީ ވަރަށް ހަރަދު ބޮޑު ކަމެއްކަން ފާހަގަ ކުރައްވާ އިހްސާން ވިދާޅުވީ މިހާރު ޖަލު ހިންގާ ނިޒާމުގެ ތެރެއިން މަހެއްގެ މައްޗަށް ކޮންމެ ގައިދީއަކަށް ގާތްގަނޑަކަށް 27،000 ރުފިޔާ ހަރަދުވާ ކަމަށެވެ. އެހެންކަމުން މިކަމަށް ދިރާސާކޮށް، ރާއްޖޭގައި އެއް ސެންޓްރަލް ޖަލު ގާއިމް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އެގޮތުން މިހާރު ހިއްކުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގެ ތެރެއިން، (ކުރިއަށް އޮތްތަނުގައި ބްރިޖްއަކުން މާލެއާ ގުޅާލެވޭނެ ތަނެއްގައި) ސެންޓްރަލް ޖަލެއް ގާއިމް ކުރުމަށް ކަނޑައެޅިފައިވާކަން އިހްސާން ފާހަގަ ކުރެއްވިއެވެ. އަދި އެތަން ހެދި 3 އަހަރު ތެރޭގައި ހިދުމަތަށް ގެނައުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިހްސާން ވިދާޅުވީ ސެންޓްރަލް ޖަލު ގާއިމްކޮށް އޮޕަރޭޝަނަށް ގެނެވޭ ހިސާބުން ބޮލަކަށް ޖެހޭ އަދަދު 17،000 ރުފިޔާއަށް ކުޑަވެގެންދާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ޖަލު އޮފިސަރުންނަށް ލިބެންޖެހޭ އެންމެ ރަނގަޅު ބޯހިޔާވަހިކަމާއި، ވެލްފެއާގެ އެހެނިހެން ކަންކަން ހަމަޖައްސަވާނެ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

އިހްސާން އިތުރަށް ވިދާޅުވީ އުންމީދަކީ ޖަލުތަކަށް ކުރެވޭ ހަރަދު ކުޑަކޮށް، ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން ކަމަށެވެ. އަދި ޖަލަށް ގެނެވޭ މީހުން އަވަހަށް ރިހެބްލިޓޭޓް ކުރެވޭ މަގުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.