ރާއްޖޭގެ ޖީޑީޕީ ދަށް ނުވާކަމަށާއި މިހާރު މި ފެންނަނީ މިދިޔަ ސަރުކާރުން މާލީ ނިޒާމު ހަލާކުކުރުމުގެ ނަތީޖާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެކްސްގައި ރާއްޖޭގެ ޖީޑީޕީ ދަށްވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެގޮތުން ސައީދު ވިދާޅުވީ މިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރިކަމަށާއި، ސެންޓްރަލް ބޭންކް ބެލެންސް ޝީޓު ބޮޑުކުރުމާއި ބޮންޑުތައް ދެއްކުން ލަސްކުރި ކަމަށާއި މި ކަންކަން ކޮށްފައިވަނީ އިންތިހާބުން މޮޅުވުމުގެ ބޭނުމުގައިކަމަށެވެ.
ނަމަވެސް އެކްސްގައި އަމީރު ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ފެށުނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މޫޑީސްގެ B2 ރޭޓިން އަކުން ކަމަށާއި، އެއަށް ފަހު އިގުތިސާދަށް އައި ލޮޅުންތައް ފިޗާއި މޫޑީސްގެ ރޭޓުތަކުން ދެއްކި ކަމަށެވެ. ނަމަވެސް ކޮވިޑަށް ފަހު އިގުތިސާދު ހަމައަކަށް އެޅުވުނުކަން ފާހަގަކުރައްވާ އަމީރު އިތުރަށް ވިދާޅުވީ މިހާރު ކްރެޑިޓް ރޭޓީން ދަށްވުމުގެ ބިރު އޮތްކަމަށެވެ.
މީގެއިތުރުން އަމީރު ވިދާޅުވީ މި އަހަރުގެ ޖޫންމަހު ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި ކަމަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، ފިސްކަލް ރިފޯމްތައް ގެނައުމުގައި ލަސްވުންފަދަ ގިނަ މައްސަލަތަކެއް ދިމާވި ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އެންމެ ފަހުން ފިޗުން ދަށްކުރި މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާފައި ނުވުމުން ކަމަށް ބުނެފައެވެ.
މިދިޔަ ދެ އަހަރު ފިޗުން ރާއްޖެއަށް ދީފައިވަނީ 'ބީ ނެގެޓިވް'ގެ ރޭޓިންގް އެކެވެ. ނަމަވެސް މިއަހަރުގެ ރޭޓީންގް ފިޗުން ވަނީ 'ސީސީސީ ޕްލަސް' އަށް ދައްކޮށްފައެވެ. ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑުކަން ފާހަގަކޮށް އެ ރޭޓިންގް ދިން މައިގަނޑު ސަބަބަކަށް ފިޗުން ބުނެފައި ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުމާއި ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތުގެ ގޯސްވަމުން ދިޔުމުން ރާއްޖެއަށް ހުރި ނުރައްކާތައް ބޮޑުވުމުން ކަމަށެވެ.
މި ރޭޓިންއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރަށް ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަންދީ އިސްލާހީ އެޖެންޑާ ތަންފީޒުކުރުމުން މުސްތަގުބަލުގެ ރޭޓިންތައް ރަނގަޅުވާނެ ކަމަށް ބުނެފައެވެ.