މާލޭ އީދު މިސްކިތުން ރޭގެ ވަގުތެއްގައި ވެސް ވައްކަންކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އީދު މިސްކިތުން ރޭގެ ވަގުތެއްގައި ވަގަށް ނަގާފައި ވަނީ މިސްކިތުގައި ހަރުކޮށްފައި ހުރި 8 ބޮކި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާރާމާތަށް އީދު މިސްކިތް ބަންދުކޮށްފައި ވާއިރު، މިދިޔަ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާއި ރޭގަނޑު 10:00އާ ދެމެދު ވަގުތެއްގައި ވެސް ވަނީ އެ މިސްކިތުން ވައްކަން ކޮށްފައެވެ.

އެގޮތުން މިސްކިތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނޭ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ވެސް ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް ހުށަހަޅާފައެެވެ.

މީގެ ކުރިންވެސް އީދު މިސްކިތުން ވައްކަންކުރާ މައްސަލަ ފެންމަތިވެފައި ވާއިރު މިދިޔަ ޖޫން މަހު އެކަނިވެސް އެ މިސްކިތުން 11 ފަންކާ ވަގަށް ނަގާފައިވެއެވެ. މީގެ ކުރިން، އީދު މިސްކިތުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައި ވެސް ވެއެވެ.