އެސްޓީއޯގެ ދަށަށް ބަދަލު ކުރި ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ އަކަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައި ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެސްޓީއޯގެ ދަށަށް ފެނަކަ މުޅިން ބަދަލު ކުރެވުމާއެކު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަންކުރާ އުސޫލާ އެއްގޮތަށް ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ބުނީ ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާ ކަމަށާއި އެ ގޮތުން އެ ފައިސާ އެސްޓީއޯއަށް ލިބޭނެ ގޮތުގެ ޕްލޭނެއް ހެދި އެއާ އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން މި ޕްލޭންގެ ތެރެއިން މިނިވަން އޮޑިޓު ފާމެއް މެދުވެރިކޮށް، ފެނަކައިގެ ހާލަތު ދެނެގަތުމަށް އެ ކުންފުނީގެ ފައިނޭންޝަލް އަދި ލީގަލް ޑިޔުޑިލިޖެންސް ހެދުމަށާއި، އެސެޓްތައް ވެލިއުކުރުމަށާއި މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އިރުޝާދު ދީފައިވާ ކަމަށް އެ ކުންފުނީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ފެނަކައިގެ ސައްތައިން ސައްތަ ހިއްސާ އެސްޓީއޯ އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި މި ބަދަލު ގެނައުމަށްޓަކައި އެސްޓީއޯ ގެ އަސާސީ ގަވައިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކާއެކު ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރު އެސްޓީއޯ އަށް ލިބިގެން ދާނެއެވެ.

ރައީސް މިފަދައިން ނިންމަވާފައިވަނީ ޔުޓިލިޓީ ސެކްޓާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށް ދިނުމާއެކު ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރި ކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.