މި ސެޕްޓެމްބަރު މަހުގެ މެދުތެރޭ ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، އަންނަ މަހުގެ 12 ގައި ބަންކަރިންގެ ހިދުމަތް ފެށޭނެ ކަމަށެވެ. މީގެ ކުރިން ބަންކަރިންގެ ހިދުމަތް ފެށުމަށް ތާވަލުކުރީ މިދިޔަ ޖުލައި މަސް ނިމުމުގެ ކުރިންނެވެ.

އުތުރުގައި ފަށާ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގްބޯޓު ކުޅުދުއްފުށްޓަށް ގެންގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ. މި ހިދުމަތާ ގުޅޭ ގޮތުން އެމްޕީއެލުން ބުނީ، ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ގާއިމްކުރާ ބޯޓް ޔާޑުގެ މަސައްކަތުގެ 95 ޕަސެންޓު ނިމިފައިވާ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ. އެ މަސައްކަތް ނިމޭއިރު އެ ބޯޓުޔާޑުގެ ބޮޑުމިނުގައި 15 ހާސްއަކަފޫޓު ހުންނާނެ ކަމަށާއި އެ ބޯޓްޔާޑުގެ ސަބަބުން މެރިޓައިމް ހިދުމަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ބަންކަރިންގެ ހިދުމަތާ ގުޅޭގޮތުން ސައީދު އޭރު ވިދާޅުވި ގޮތުގައި އެ ހިދުމަތް ފެށުމުން އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ.

އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަސައްވުރު ކުރި މަޝްރޫއެކެވެ. އޭރު މަޝްރޫއުގެ ކުރެހުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، އޭރުވެސް އަދި ނިމިދިޔަ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މި މަޝްރޫއު ފެށިފައެއް ނުވެއެވެ.

މި މަޝްރޫއަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ.