ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ މަޝްރޫއު ކަމުގައިވާ ފްލޯޓިން ސޯލާ ޕެނަލްތައް ބޭނުން ކޮށްގެން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި ފޮރިން ކަރަންސީ އެންމެ ބާރު ބޮޑު ކުރާ އެއްކަމަކީ ބޭރުން ތެޔޮ އިންޕޯޓުކުރުމަށްޓަކައި ކުރާ ހަރަދު ކަމަށެވެ. އަދި މި ހަރަދަށް އަހަރެއްގެ މައްޗަށް 500 ނުވަތަ 600 މިލިއަން ޑޮލަރު ދައުލަތުން ހަރަދު ކުރާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް 150މެގަވޮޓުގެ ފްލޯޓިިން ފޮޓޯ ވޮލްޓައިކް (ޕީވީ) ނިޒާމާއި އެއިން ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރުން ހަމަޖެހިފައި ވާއިރު މި މަޝްރޫއާއެކު ތެލަށް ކުރާ ހަރަދުގެ ބޮޑު ބައެއް ކުޑަކުރެވިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި މަޝްރޫއު ފެށުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން ކޮމާޝަލް ކޮންޓްރެކްޓް، ޓެކްނިކަލް ކޮންޓްރެކްޓް އަދި އެކަމާ ގުޅިގެން ހަދަން ޖެހޭ ހުރިހާ އީއައިއޭގެ އިތުރުން އެންވާރަމަންޓަލް މަސައްކަތްތަކެއް ނިމެމުންދާކަން ސައީދު ފާހަގަ ކުރެއްވިއެވެ.

އުންމީދަކީ އޮކްޓޫބަރު މަހު ފުލް ލައިސަންސް ދިނުމާއި ނޮވެންބަރު މަހު އަމަލީ މަސައްކަތް ފެށުން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި 3 އަހަރުގެ ތެރޭގައި 100 މެގަ ވޯޓުގެ ކަރަންޓު އުފެއްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.