އަންނަ އޮކްޓޯބަރު މަހު އޮލިމްޕަސް ސިނަމާއަށް ގެންނަން ތާވަލް ކޮށްފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ބިބީ"ގެ ޓީޒާއެއް އާންމު ކޮށްފިއެވެ.

ހޮރޯ ކޮމެޑީ ޖޯންރާ އަށް ތައްޔާރު ކޮށްފައިވާ މި ފިލްމުގެ ޓީޒާއިން ވެސް ބެލުންތެރިން ސިއްސުވާލާ އަދި ހެއްވާލައެވެ. އަންނަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އޮލިމްޕަސް ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ސްޓޫޑިއޯގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. ރިން މި ފިލްމަށް ދިން ނަމަކީ "އަވަ" އެވެ. ނަމަވެސް ފަހުން ފިލްމުގެ ނަން ވަނީ "ބިބީ" އަށް ބަދަލުކޮށްފައެވެ. މި ފިލްމަކީ ޝަހުދާ މަހްމޫދު ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމީ ދާއިރާގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ޝަރަފްގެ އެކްޓިން ވަނީ ބެލުންތެރިން ބަލައިގެންފައެވެ. ބެލުންތެރިން ބިރުގަންނުވާލުމަށް ފަހު ހެއްވާލާނެ މި ފިލްމަކީ ޑާކްރެއިނުން ގެނެސްދޭ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެކެވެ. ހަމައެއާއެކު މި ފިލްމަކީ ޝަރަފް އާއި މަޖޫ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ.

ފިލްމުގެ ޓްރެއިލާ އަންނަ މަހު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. ޑާކްރެއިނުން އޮލިމްޕަހަށް ގެނައި އެންމެ ފަހު ފިލްމަކީ "ފުރޭތަ" އެވެ. އެ ފިލްމަކީ ވެސް އެކްޓަރު ޝަރަފް ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ.