ރުފިޔާ ކާޑަށް ޑޮލަރު ދިނުން ބީއެމްއެލް އިން ކުއްލި ގޮތަކަށް ހުއްޓާލުމާ ގުޅިގެން، ބަޣާވާތްކުރަން އުޅުނު ކަމަށް އިދިކޮޅަށް ތުހުމަތުކޮށް ފުލުހުން އެ މައްސަލަ ބަލަން ނިންމި ނިންމުމަކީ ސިޔާސީ ނުފޫޒެއް ކަމަށް ބުނެ އެ ޕާޓީ އިން ފުލުސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

މިއަދު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ފުލުހުންގެ މުއައްސަސާއަކީ މިނިވަން މުއައްސަސާއަކަށް ހަދައި އާންމުންގެ އިތުބާރު ހޯދުމަށް ޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިކަމަށާއި ނަމަވެސް އެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ ރޭ ފުލުހުންގެ ފަރާތުން އެ ނެރުނު ބަޔާނުގެ ސަބަބުން ހާމަވެގެން ދަނީ ރައީސް ޑރ. މުއިއްޒު އެންގެވި ގޮތަކަށް ފުލުހުންގެ އިދާރާއިން ކަންކަން ކުރަމުން އަންނަ މަންޒަރުކަމަށެވެ.

އަޅުގަނޑު މި ފުރުސަތުގައި ގޮވައިލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވަން ވެސް. ޕޮލިސް ބޮޑީގެ، ޕޮލިސް ސާވިސްގެ ހުރުމަތް ހިފެހެއްޓުމަށް ޓަކައި އެ މަނިކުފާނު އިސްތިއުފާ ވެސް އެބަ ދޭންޖެހޭ،
ފައްޔާޒު އިސްމާއިލް

ފައްޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ބަޣާވާތް ކުރާ ބައެއް ނޫން ކަމަށާއި އެ ޕާޓީން މަގުމައްޗަށް ނުކުންނަނީ ސަރުކާރު ވައްޓާލަން ނޫން ކަމަށެވެ. އަދި އެކަން ކުރަން ނިންމީ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީކުރުވަން ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ފަރާތްތަކުން އަދި ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ގޮވާލާފައިވާކަން ފާހަގަވެފައި ވާ ކަމަށާއި، މި އަމަލަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ކަމަށެވެ.

ޑޮލަރު ނުދޭން ނިންމި ނިންމުން ބީއެމްއެލް އިން ބަދަލު ކޮށް ކުރިން އޮތް ގޮތަށް މިހާރު ވަނީ ހަދާފައެވެ. ބީއެމްއެލް އިން ބުނީ ރާއްޖެ އިން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކްގެ ރެގިއުލޭޓާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިރުޝާދަށް ބަލައި މިހާރު އަނބުރާ ގެނެސްފައިވާ ކަމަށާއި އެއާއެކު ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރިއެކޭވެސް އޮއްގޮތަށް ކުރެވޭނެ ކަމަށެވެ.