މި ސަރުކާރުން އެންމެ އިސްކަންދޭނެ އެއް ބަޔަކީ ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށާއި ޒުވާނުންނަށް އިގްތިސާދީ ފުދުންތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމުގައެވެ. އަދި ޒުވާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެގޮތުން ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމަށް ސަރުކާރުގެ މެނިފެސްޓޯގެ ބޮޑުބައެއް ހާއްސަކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން ކުރައްވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ހަގީގީ މާނައިގައި އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ. އަދި ޑޮލަރު އިތުރުކުރުމަށާއި ރެވެނިއު އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮންމެ ހިނދުކޮޅެއް މި ސަރުކާރުން ހޭދަކުރަމުން ދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މުހިންމު ބަދަލުތަކެއް އެމްއެމްއޭގެ ރެގިއުލޭޝަންތަކަށް ގެންނެވުމަށް ނިންމަވާފައިވާކަން އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާކަމުގައެވެ. އަދި މި ބަދަލުތައް ގެނައުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާ އެމަނިކުފާނު ވިދާޅުވީ "ބްލެކް މާކެޓް" ގައި ފައިސާ މާރުކުރުން މަދުކުރެވި ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވިގެން ދާނެކަމުގައެވެ. މީގެ އިތުރުންވެސް ބޮޑަށް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން 'ކޯޕަރޭޓް އިންކަމް ޓެކްސް' ދެއްކުމުގައި ޑޮލަރުން ޓެކްސް ދެއްކުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ މިދިޔަ 9 މަސްދުވަހުގެ ތެރޭގައި ދީނީކަންކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތް ސަރުކާރުން ކުރަމުންދާކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބަވަނަވަމުންމިދާ ދުނިޔޭގައި ފެންނަމުންދާ އިސްލާމް ދީނާ ހިލާފު އޮއިވަރުތަކުގައި ދަރިން ނުޖެހި ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި ޖުޑިޝަރީއިން މިނިވަންކަމާއެކު މައްސަލަ ބަލައި ހުކުމެއް އައިސްފިނަމަ އެ ހުކުމް ތަންފީޒުކުރުމުގައި މި ސަރުކާރުން ފަހަތަށް ނުޖެހޭނެކަމުގައެވެ.