ގައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިފަދައިން ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުއެވެ. އެގޮތުން ރައީސް ވަނީ ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ހަލާސްކުރުމަށް ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލާ އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިޔުށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ. މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ އިން އޮފްސެޓް ކުރުމާއި، އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވާލަންވެސް ވަނީ ނިންމާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރުމުގައި ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ އެމެރިކާ ޑޮލަރުން ނަގަން ފެށުމަށްވަނީ ނިންމާފައެވެ.