ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން ދާ އިރު, ރޭ ދަންވަރުން ފެށިގެން ފަތިސް ވަންދެން ރަޝިއާއިން ޔޫކްރައިން އަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ޔޫކްރައިންގެ ރައީސް ވަލްޑިމިއާ ޒެލެންސްކީ ވިދާޅުވީ, ރަޝިއާއިން ދިން ހަމަލާތަކުގައި މަދުވެގެން 100 މިސައިލާއި 100 ޑްރޯން ބޭނުން ކޮށްފައި ވާ ކަމަށެވެ.
މި ހަމަލާތައް އަމާޒު ކުރި ސަރަހައްދުތަކުގެ ތެރޭގައި ޒެޕްރޯޒިއާ, ލުޓުސްކް, ކާކީވް, ޒައިޓޮމީރު އަދި ޑިނިޕްރޮޕެޓްރޮވްސްކެ ހިމެނޭ އިރު މިއީ މުޅި ޔޫކްރައިންގެ ސަރަހައްދުގެ ދެބައިކުޅަ އެއްބައެވެ.
މި ހަމަލާތަކުގެ މައުލޫމާތު ހާމަ ކުރަމުން ރަޝިއާގެ އިދާރާތަކުން ބުނީ, ހަމަލާ ދީފައި ވަނީ ޔޫކްރައިންގެ ހަކަތައިގެ ސިނާއަތަށް ކަމަށާއި އޭގެ ތެރޭގައި ކަރަންޓާއި ފެނުގެ ނިޒާމުތައް ހިމެނޭ ކަމަށެވެ. އަދި ހުރިހާ ހަމަލާއެއް އަމާޒަށް ވާސިލުވި ކަމަށް ވެސް ބުނެފައި ވެއެވެ.
ޔޫކްރައިން އިން ބުނެފައި ވަނީ އެ ހަމަލާތަކުގައި އެތައް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ އިރު އެކި ސަރަހައްދުތަކުން ޖުމްލަ 6 މީހެއްގެ ފުރާނަ ގެއްލުނު ކަމަށެވެ.
މިއީ 2022 ގައި ހަނގުރާމަ ފެށިފަހުން އެންމެ ފުޅާކޮށް ރަޝިއާއިން ދިން ހަމަލާކަމަށް ވިދާޅުވެ ޒެލެންސްކީ ވަނީ ފްރާންސް, އެމެރިކާ އަދި އިނގިރޭސިން ދީފައި ހުރި ހަތިޔާރުން ރަޝިއާގެ މާ އެތެރެއަށް ހަމަލާ ދިނުމުގެ ހުއްދައަށް އެދިވަޑައިގެންފައެވެ. އަދި ޔޫރަޕްގެ އެއާފޯސް ޔޫކްރައިންގެ އެއާ ޑިފެންސް އާ އެކު މަސައްކަތް ކުރާނަމަ އެތައްބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
2022 ގައި ރަޝިއާއިން ހަނގުރާމަ ފެށީއްސުރެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަމުން ދަނީ ޔޫކްރައިންގެ ހަކަތައިގެ ވިއުގައަށެވެ. މިހާތަނަށް އައި އިރު މުޅި ޔޫކްރައިންގެ ހަކަތައިގެ ވިއުގައިގެ ދެބައިކުޅަ އެއްބަޔަށް ގެއްލުން ވެފައި ވާ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.