އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ސަރުކާރުން މިއަދު ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ހިމެނޭހެން މިހާރު މި މަސައްކަތް ފަށާފައިވާކަމަށް އިއުލާނުކޮށްފައެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިއަށްގެންދަން ފަށައިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދައުލަތުގެ ވަޒީފާތަކުން މުސްކުޅި ކުރެވިފައިވާ ފަރާތްތަކާއި އުމުރުން 65 އަހަރުވުމުން ވަޒީފާގައި ދެމި ތިބުމަށް އެދޭ ފަރާތްތަކަށް ޢުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ބުނެފައެވެ.

ރިޓަޔާ ކުރާ އުމުރަށް އެޅުމުން ވެސް އެ މީހަކު ވަޒީފާގައި ހުންނަން ބޭނުންވާނަަމަ އެ ފުރުސަތު ހޯއްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީފާ ދޫކޮށް ގޭގައި ހުންނަން ޖެހުމުން ނަފްސާނީ ގޮތުން އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭކަމަށާއި، އެ ކަމުގެ ސަބަބުން ރިޓަޔާކުރުމަށްފަހު ވެސް މީހުން ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހޯދާ ކަމަށް ވިދާޅުވެފައެވެ.

އޭރުން ގޭގައި ހުންނަން ޖެހިގެން ސިކުނޑިއަށް އުނދަގޫވެ މީހާ ބަލިކަށިވެ މި ކަންކަމެއް ނުވާނެ. 75 އަހަރަށް ރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ ވަރަށް މަތިވެއްޖެ އިރާދަކުރެއްވީތީ
ރައީސް ޑރ. މުއިއްޒު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެ ބިލް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.